"ޓްރަމްޕަށް ވެނެޒުއެލާ، ޝީޖިންޕިން އަށް ޓައިވާން، ޕޫޓިންއަށް ޔޫރަޕް": ޔޫރަޕް ގެ ލީޑަރުން ހޭލައިފި

ލަންޑަން (6 ޖަނަވަރީ 2026) : އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖެހުމަށްފަހު އެމެރިކާގެ ސިފައިން ވެނެޒުއެލާއަށް އަރައިގަނެ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަގަށްނެގުމުންވެސް ޔޫރަޕްގެ ލީޑަރުން އަޅާނުލައި ޗުއްޕު ވެސް ނުބުނެ ތިއްބެވުމަށްފަހު ޓްރަމްޕަށް ވެނެޒުއެލާ، ޗައިނާގެ ރައީސް ޝީ އަށް ޓައިވާން، ރަޝިއާގެ ޕޫޓިންއަށް ޔޫރަޕް، މިގޮތަށް ނިޔުޔޯކް ޓައިމްސް ގައި ސުރުޚީ ޖަހާލުމުން ޔޫރަޕްގެ ލީޑަރުން ހޭލައި ހޭވެރިކަން ވެއްޖެއެވެ. މިއާއެކު ޔޫރަޕްގެ އިއްތިޙާދުން އިއްޔެވަނީ ބައިނަލްއަގްވާމީ ގާނޫނުން ބޭރުނުވުމަށް އެމެރިކާއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބައިނަލްއަގްވާމީ ގާނޫނަށާއި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް އިހްތިރާމް ކުރުމަށް ޔޫރަޕްގެ އިއްތިހާދުންވަނީ އެމެރިކާއަށް ގޮވާލާފައެވެ. ސްޕެއިންފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އެމެރިކާ ވެނެޒުއެލާގެ ރައީސް ވަގަށް ނެގުމަކީ ޣައިރުގާނޫނީ އަމަލެއްކަމަށް ސިފަކޮށް އެކަން ފާޅުގައި ކުށްވެރިވެސް ކޮށްފައެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ޓައިމްސް" ބުނާގޮތުން އެމެރިކާއިން ވެނެޒުއެލާއަށް އަރައިގަނެ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށްނަގައި ހިންގަމުން ގެންދާ ޣައިރު ގާނޫނީ އަދި ޖަންގަލީގެ އަމަލުތަކާ ގުޅިގެން ޗުއްޕުވެސް ނުބުނެ ތިއްބެވި ޔޫރަޕްގެ ލީޑަރުންނަށް ބިރުވެރިކަން އިހުސާސްކުރެވޭގޮތްވީ ގްރީންލެންޑްގެ ޗާޓްގައި އެމެރިކާގެ ދިދައިގެ ފޮޓޯ ޖަހައިގެން ވައިޓް ހައުސް އިން އިއްޔެ އެޗާޓު އާންމު ކުރުމުންނެވެ. ވައިޓް ހައުސްގެ މިއަމަލުގެ ސަބަބުން އެމެރިކާ ގްރީންލެންޑް ހިފާނެކަމުގެ ބިރު ޔޫރަޕްގައި ވަރަށް ބޮޑަށް އުފެދި މުޅި ޔޫރަޕް ގައި މިހާރު ނުތަނަވަސްކަން އުފެދިފައިވާކަމަށް "ދަ ޓައިމްސް" ބުނެއެވެ. މިނޫހުގެ އިއްޔެ އަދަދުގައިވާގޮތުން މިމައްސަލާގައި އެންމެ ބޮޑަށް ބިރު ގެންފައިވަނީ ޑެންމާކް އެވެ. ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކުގައިވެސް ވަނީ ބިރުވެރިކަން ވެރިވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑެންމާކުގެ ސަރަހައްދެއް ކަމަށްވާ ގްރީންލެންޑަކީ އެމެރިކާ ވަރަށް ބޭނުން ސަރަހައްދެއްކަމާއި އެތަން ޑެންމާކުގެ އަތުން އަތުލަންޖެހޭ ކަމަށް ވިދާޅުވެ އެތަށް ފަހަރަކު ވާހަކަ ދައްކަވާފައެވެ. ގްރީންލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް ޓްރަމްޕް ދައްކަވާ ވާހަކަ އޭނާ އެތަށްފަހަރަކު ތަކުރާރު ކުރައްވާފައިވާއިރު ޓްރަމްޕްވަނީ ގްރީންލެންޑް އަގުދީފައި ޑެންމާކު އަތުން ގަނެގެން ސުލްހަވެރިކަމާއެކު އެތަން އެމެރިކާގެ ބާރުގެ ދަށަށް ނުގެނެވިއްޖެނަމަ ނޫނީ އެކަމަށް ޑެންމާކު ދެކޮޅުހަދާނަމަ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ އެ ނޫން ވެސް ގޮތްތައް އެބަ ހުރިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ގްރީންލޭންޑަކީ ހައިޓެކް ސިނާއަތަށް ބޭނުންވާ ނާދިރު މައުދަންތައް އެންމެ ގިނަ އެއް ސަރަހައްދު ކަމަށްވެއެވެ. މީގެއިތުރުން އެމެރިކާ ގްރީންލޭންޑް ބޭނުންވަނީ އެއީ ދުނިޔޭގެ ނޯތުޕޯލްއަށް އެކްސެސް އޮންނަ ތަނަކަށް ވެފައި އެމެރިކާގެ ބައްރު މިހާރު އޮތްގޮތުން އެލެސްކާގެ ތަންކޮޅަކުން ފިޔަވައި އެމެރިކާއަށް ނޯތްޕޯލްއަށް އެކްސެސް ނުލިބޭތީ ކަމަށްވަނީ ބެލެވިފައެވެ. ނޯތް ޕޯލްއަކީ ތެލާއި ގޭހާއި ނާދިރު މައުދަންތަކުން ފުރިފައިވާ ވަރަށް ރިސޯސްފުލް ސަރަހައްދެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ވެނެޒުއެލާގެ ރައީސް މަދޫރޯ ވަގަށްނެގި ސަބަބަކީ ވެސް އޭނާ ވެރިކަމުގައި ހުންނަވައިގެން އެމެރިކާއަށް ވެނެޒުއެލާގެ ތެލުގެ ރިސޯސްތަކަށް އަތްގަދަ ކުރެވޭނެ ގޮތެއް ނެތުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ