ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން މީހާ ހައްޔަރުކޮށް ޖަލު ބަންދަށް

މާލޭގެ ގޯޅިގަނޑެއްގައި އުމުރުން ދުވަސްވީ މީހަކާ ޒުވާން ފުރައިގެ މީހަކު މާރާމާރީ ހިންގި ވީޑިއޯއާ ގުޅޭ މައްސަލައާ ގުޅިގެން ފިރިހެން މީހާ ހައްޔަރު ކޮށްފި އެވެ.
މާލޭ ހަލަވެލި ގޯޅީގައި ހިނގި މާރާމާރީގެ މައްސަލާގައި ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ގ. ޝާރާޒު, އަލީ އިމްރާން ވަހީދު ކަމަށެވެ. އޭނާގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށްވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެނިގެންދަނީ ގޯޅިގަނޑެއްގައި ހިނގާދިޔަ މާރާމާރީއެއްގައި ދޮށީ އުމުރުގެ އަންހެނެއް ބޮލުގައި ޒުވާން ފުރައިގެ ފިރިހެނަކު ތަކުރާރުކޮށް ޖަހާ މަންޒަރެވެ. އޭރު އެހެން މީހަކު އެ ފިރިހެންމީހާ ދުރުކުރުމަށް މަސައްކަތްވެސް ކުރެއެވެ. ނަމަވެސް އެ ފިރިހެންމީހާ ތަކުރާރުކޮށް އަންހެންމީހާ ބޮލުގައި ޖެހުމަށްފަހު އެތަނުން ދެއެވެ.
މާލޭގައި ބައެއް ފަހަރު ހިންގާ މާރާމާރީތަކުގައި އާއްމުކޮށް މިކަހަލަ މަންޒަރުތައް ފެނިގެން ގޮސްފައިވަނީ އާއިލީ މައްސަލަތަކުގެ ތެރެއިން އުފެދިގެންދާ ހަމަނުޖެހުންތަކުގައެވެ. މިފަދަ ބައެއް މައްސަލަ ތަކުގައި މީގެ ކުރިން ތޫނު އެއްޗެހިންވެސް ހަމަލާދީފައި އެބަހުއްޓެވެ. އަދި މިފަދަ ގިނަ މައްސަލަތައް އެންމެފަހުން ގޮސް ގުޅިފައި ހުންނަނީ މަސްތުވާތަކެއްޗާކަމަށް ފުލުހުން ހާމަކުރާ މައުލޫމާތުތަކުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ