ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް، ޓެކްނޮލޮޖީގެ ކަންކަމަށް ހައްލު ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްއޭސީއެލްއިން އިއުލާނުކޮށްފި
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް، "ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް" ގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން އިއުލާން ކޮށްފިއެވެ. ޓެކްނޮލޮޖީ ސޮލިއުޝަން ޕްރޮވައިޑާ (ޓީއެސްޕީ) އަކީ ވިޔަފާރިއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެފިޝަންސީ، ސެކިއުރިޓީ އަދި އީޖާދީ އުފެއްދުންތައް ހަރުދަނާ ކުރުމަށް ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ކްލައުޑް ކޮމްޕިއުޓިން، ސައިބާ ސެކިއުރިޓީ، އޭއައި، ސޮފްޓްވެއާ ޑިވެލޮޕްމަންޓް އަދި ނެޓްވޯކް އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތައް ހިމެނެއެވެ. އެމްއޭސީއެލުން ކުރި އިއުލާނުގައިވާ ގޮތުން ޓެކްނޮލޮޖީ ސޮލިއުޝަން ޕްރޮވައިޑާއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނީ އެކުންފުނިން އަންގާ ގޮތަކަށެވެ. އެގޮތުން ޓެކްނޮލޮޖީއާ ގުޅުންހުރި ޚިދުމަތްތައް ފަރުމާކޮށް، ބިނާކޮށް އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާއިއެކު ބެލެހެއްޓުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ޓީމުގައި މަދުވެގެން ފަސް ދިވެހިން ހިމެނުމަށް ވެސް އެމްއޭސީއެލުން ވަނީ ޝަރުތު ކޮށްފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން، އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތަކުގެ އިތުރުން ޕްރޮފައިލް މުވައްޒަފުންގެ ތަފުސީލާއި ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު އެމްއޭސީއެލުން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތްތައް ހަވާލު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ 23:59ގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ