ސަފާރީތައް ރަށްތަކާ 1 ކިލޯމީޓަރު ދުރުކޮށް، ފަތުރުވެރިން ރަށު ތެރޭ އުޅޭއިރު ހެދުން އަޅަން ޖެހޭ މިންގަނޑު ކަނޑައަޅާނަން: ރައީސް

ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ ރަށްތަކުގައި ވަގަށް ސަފާރީތަކުން ރާ އެތެރެކޮށް، އޭގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްތަކާ 1 ކިލޯމީޓަރު ދުރުގައި ސަފާރީތައް ބާއްވަން ޖެހޭ ގޮތަށް ހަދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އޭގެ އިތުރުން، އެ ރަށްތަކަށް އަންނަ ފަތުރުވެރިން ހެދުން އެޅުމުގެ މިންގަނޑެއް ވެސް އެކުލަވާލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، ހ. ވެޔޮވިލާގައި ގާއިމް ކުރި ޕީއެންސީގެ ބޮޑު އޮފީސް އިމާރާތް ހުޅުވުމަށް މިރޭ އެ ތަނުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ތަފްސީލު - އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ސިޔާސަތުތައް ބައްޓަން ކުރުމުގައި އެ މަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވަނީ އިސްލާމް ދީނުުގެ ހަމަތަކުގެ މަތިން އަދި އެ ދީނަށް ނަސްރު ދިނުމަށެވެ. އެގޮތުން، މިދިޔަ ދުވަސްތަކުގައި ބައެއް ސިޔާސަތުތައް ތަންފީޒުކުރަން ގާނޫނާއި ގަވައިދުތަކުގައި އެކަން ހިމެނުމަށް މަސައްކަތް ފަށާފައިވާކަން އެ މަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ:
ޖުވާ ކުޅުން ވެސް ޖިނާއީ ކުށަކަށް ހެދުމަށް މިހާރު މަޖިލީހަށް އެވަނީ ހުށަހަޅާފައި
އެގޮތަށް ހެދުމަށް ނިންމުމުން ޕީއެންސީއާ އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުންނަށް އެކަން "ވަރަށް ބޮޑު ކަމަކަށް ވެއްޖެ"
ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ސިޔާސީ ބޭފުޅުން ވެސް އުޅުއްވާ ކަމަށާއި އެފަދަ ބަޔަކަށް ޖާގަދީގެން ނުވާނެ؛ ސަރުކާރާ ދެކޮޅަށް ނުކުންނަ ކެންޑިޑޭޓުންނަކީ އެފަދަ ލާދީނީ ފިކުރުތައް ކުރިއަރުވަން އުޅޭ ބައެއްގެ ގޮތުގައި އެ މަނިކުފާނު ތުހުމަތު ކުރެއްވި 
"އެފަދަ [ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ] ފިކުރުތަކުގެ ބޭފުޅުން އަޅުގަނޑުމެންގެ އިންތިހާބުތަކުގައި، ކައުންސިލް އިންތިހާބު ކަމުގައި ވިޔަސް ފުރުސަތު ލިބިގެން ދިޔުުމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރާ ގޯސް ކަމަކަށްވާނީ،" ޕީއެންސީއާ އިދިކޮޅު ފިކުރުތަކަކީ އެފަދަ ދީނާ ދުރު ފިކުރުތަކެއް ކަމަށް ތުހުމަތުކުރައްވައި ރައީސް ވިދާޅުވި އެވެ.
އެއާ އެކު، ރައީސް ވިދާޅުވީ ލޯކަލް ޓުއަރިޒަމް ފުޅާ ރަށްތަކުގައި ނޭއްގާނީ ގިނަ ކަންކަން ކުރާ ކަމަށާއި އޭގެ ތެރޭގައި ވަގަށް ރާ ވިއްކުން ހިމެނޭ ކަމަށެވެ.
"ސަފާރީތަކަކީ ވެސް ރިސޯޓްތައްހެން ލައިސެންސް އޮވެގެން، ސަފާރީގައި ނިދާ ޓުއަރިސްޓުންނަށް ރާ ވިއްކަން ހުއްދަ އޮންނަ ބައެއް. އެހެން ނަމަވެސް ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ނުގަވައިދުން އެތައް ނޭދެވޭ ކަމެއް ހިނގަނީ. ރާ ވިއްކުމުގެ ކަންކަން ވެސް ހިނގަނީ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ގަވައިދު ބަދަލު މި ކުރަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެންމެ މަދުވެގެން 1 ކިލޯމީޓަރު ދުރުގައޭ ސަފާރީ ބޭއްވޭނީ."
ލޯކަލް ޓުއަރިޒަމް ރަށްތަކާ ގުޅޭ ގޮތުން މި ޖަލްސާގައި ރައީސް ދެން ފާހަގަ ކުރެއްވި ކަަމަކީ އެ ރަށްތަކުގައި ޓުއަރިސްޓުން އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅަމުންދާ ކަމެވެ.
މި ސަރުކާރުން ލޯކަލް ޓުއަރިޒަމްގެ ސިޔާސަތު ގަބޫލުކުރާ ކަމަށާއި އެ ރަށްތަކުގައި "ޑޮލަރު އޭޓީއެމް ވެސް ބަހައްޓަނީ އެހެންވެގެން" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު ރައްޔިތުންގެ ކިބައިން އަޅުގަނޑާ ހަމައަށް އައީ، ރަށްރަށުގައި އެބަ ހިނގައޭ ދިނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިނގަން ނުޖެހޭ ކަންތައްތައް. މިކަންކަން ރަނގަޅު ކުރުމުގައި ކަމާ ބެހޭ ގަވައިދު މި އިސްލާހު ކުރަނީ. ރަށު ތެރޭގައި ޓުއަރިސްޓުން އުޅޭ އިރު ހުންނަން ޖެހޭ މިންގަނޑުތަކާ، މިކަންކަން މިހާރު އޮތް ގަވައިދަށް އިތުރު އިސްލާހުތައް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ވަރަށް އަވަހަށް އެ އިސްލާހުތައް ގަވައިދުތަކަށް ގެނެސް ގެޒެޓް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެކަންކަން ވެސް މޮނީޓާކޮށް ތަންފީޒުކުރަން ތިބޭ ބަޔަކީ ރަށްރަށުގެ ކައުންސިލްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޕީއެންސީއާ އިދިކޮޅު ކައުންސިލެއް ކުރިއަށް އޮތް އިންތިހާބުގައި ހޮވައިފި ނަމަ، މި މައްސަލަތައް އިސްލާހު ނުވާނެ ކަމަށެވެ.
"ދީނާ އިދިކީލި ފިކުރުގެ ވިސްނުން ހުރި ބައެއް އެ ކައުންސިލްތަކަށް ގެނެސިއްޔާ އެކަމެއް [ސަފާރީތަކުން ވަގަށް ރާ ވިއްކާތޯ] ނުބަލާނެ. ރަލާ ދުރު، ޑްރަގާ ދުރު، އެކި ކަހަލަ ނުބައި އާދަތަކާ ދުރު މުޖުމަތައުއެއް އަޅުގަނޑުމެން ބޭނުންވަނީ،" އެފަދަ މުޖުތަމައުއެއް ގާއިމްކޮށް، ވައުދުތައް ފުުއްދުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ހާމަ ކުރެއްވި ގޮތުގައި، މާލޭގައި މަސާޖު ޕާލާތައް ބަންދުކުރުމަކީ ރައްޔިތުން އެ މަނިކުފާނުގެ ކިބައިން އެދުނު ކަމެކެވެ. އެގޮތުން، މަހެއްހާ ދުވަސް ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދިވެސް 200އެއްހާ މަސާޖު ޕާލާތައް އެބަހުރި ކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ