ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކަން ފަށާނީ 21ގައި

މާޗް 23 ން އެޕްރީލް 03 ގެ ނިޔަލަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު އަންނަ ހޮނިހިރު ދުވަހު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ، ސިޑިބަރި ޓިކެޓް 15 ރުފިޔާ، ގޮނޑި ބަރި ޓިކެޓް 25 ރުފިޔާ އަދި ވީއައިޕީ އޭރިއާއިން 50 ރުފިޔާއަށެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނަކީ، ގަލޮޅު ދަނޑު، ސޯޝަލް ސެންޓަރު، ހުޅުމާލެ ސެންޓްރަލް ޕާކް އަދި އާޓިފިޝަލް ބީޗު ސަރަހައްދެވެ.
21 މާޗުގައި ޓިކެޓު ވިއްކަން ފަށާއިރު ޓީމުތައް މާލެ އައުމަށް ހަމަޖެހިފައިވަނީވެސް ހަމަ އެދުވަހެވެ. މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާއި އެއް ގުރޫޕެއްގައި ހިމެނެނީ ސްރީލަންކާއާއި ނޭޕާލް އަދި ބޫޓާނެވެ.
ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލްއާއި ބޫޓާން ބައްދަލުކުރާނީ 23 ވަނަ ދުވަހު ހަވީރެވެ. މުބާރާތް ހުޅުވާ މެޗުގައި ދިވެހިރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށް 23 ވަނަ ދުވަހުގެރެއެވެ.
މުބާރާތުގައި ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނުކުންނާނެއެވެ. ފައިނަލް މެޗު އޮންނާނީ 3 އޭޕްރީލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ