20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމުގެ ކެޕްޓަނަކީ ޓީމުގެ ހުނަރުވެރި ސްޓްރައިކަރު މުހައްމަދު އިލާން އިމްރާނެވެ.
އިލާންގެ ކެޕްޓަންކަމުގެ ދަށުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ތައްޔާރުވެފައިވާއިރު އޭނާގެ ހުށިޔާރުކަމާއި ހުނަރުގެ ވާހަކަ މީގެ ކުރިންވެސް ބައިނަލްއަގްވާމީ މައިދާނުގައި ދިޔައީ ފާހަގަކުރަމުންނެވެ. މިއަހަރުގެ މުބާރާތުން ގިނަ ބައެއްގެ ސަމާލުކަން ހޯދާނެ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ.
19 އަހަރުން ދަށުގެ ޓީމާއި، 17 އަހަރުން ދަށުގެ ޓީމުގައި ކުޅުނު މެޗުތަކުގައި އިލާންގެ ފަރާތުން ފެނިގެން ދިޔަ ހަލުވި ހުށިޔާރު ކުޅުމަކީ ސަރަހައްދީ ޤައުމުތަކުން އޭނާއަށް ކަޅި ހުއްޓާލި ކުޅުމެކެވެ. މިދިޔަ އަހަރު ކުޅުނު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިލާން މޮޅު ކުޅުމެއް ދެއްކިއެވެ.
އެގޮތުން 2025 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ސުޕަކަޕްގައި އިލާން ވަނީ މޮޅު ކުޅުމެއް ދައްކާ ރާއްޖެއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އިލާންވަނީ 2024 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަންކަޕް ކޮލިފިކޭޝަނުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
އީލާނަކީ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީ (އީޓީއެފްއޭ) އިން ފުޓުބޯޅައިގެ ހުނަރުތައް ދަސްކުރަން ފެށި ކުޅުންތެރިއެކެވެ. އެނާއަކީ ފުޓުބޯޅައިގައި އުފެދޭ ރަންޖީލުގެ ކުޅުންތެރިއެކެވެ. ސީނިއާ ގައުމީ ޓީމުގައިވެސް ފާހަގަކޮށްލެވުނު މޮޅު ކުޅުންތެރިއެކެވެ. އެގޮތުން 2025 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަކަޕްގައި ރާއްޖެއަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
އުމުރުން އެންމެ 15 އަހަރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީނިއާ ޓީމުން ފުރުސަތު ހޯދި އިލާން ވަނީ އިންޓަރސުކޫލު މުބާރާތްތަކާއި، އުމުރުފުރާ މުބާރާތްތަކުގައި ހައިރާން ކުރަނިވި މޮޅު ކުޅުމެއް ދައްކާފައެވެ.
އިލާންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި އެންމެ ފަހުން ބޭއްވި އެފްއޭއެމް ލީގު ކަޕް 2025 އޭނާ ވަނީ ރަން ބޫޓު ހޯދާފައެވެ. އެ މުބާރާތުގައި 6 މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ އޭނާ ވަނީ 4 ގޯލު ކާމިޔާބުކޮށްދީފައެވެ.
2022 ވަނަ އަހަރުގެ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި 8 މެޗުގައި 35 ގޯލު ޖަހާފައިވެއެވެ. އަދި 2023 ވަނަ އަހަރު އިންޓަރސުކޫލު މުބާރާތުގައި 5 މެޗުގައި 38 ގޯލު ޖަހާފައިވެއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ނިކުންނަ އިރު އިލާންގެ އުންމީދަކީ ރާއްޖެއަށް މި ތަށި ކާމިޔާބުކޮށްދިނުމަށް އެންމެހާ ދިވެހި ސަޕޯޓަރުންގެ ތަރުހީބެވެ. ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ދިވެހި ޓީމުގެ ހިތްވަރަށް އިތުރު ދިރުން ގެނެސްދީ ރާއްޖެ ކުޅޭ ހުރީހާ މެޗެއްގައި ދިވެހިންގެ އަޑުން ދަނޑު ގުގުމާލުމެވެ. ގައުމީ ޖޯޝާއި ފޯރީގައި ރާއްޖޭގެ ހިތްވަރު ގަދަ ފަހުލަވާނުންނަށް ސަޕޯޓުކޮށްދިނުމެވެ.
މިއީ ރާއްޖޭގެ ފަސްގަނޑުގައި ކުޅޭ މުބާރާތަކަށްވާއިރު އިލާން އާއި ހުރިހާ ކުޅުންތެރިން ކަށިން ހިތްވަރު ނެރެމުންދަނީ މި މުބާރާތަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ހާއްސަ ހަނދާނުން ފޮހެވިގެން ނުދާފަދަ ވަރުގަދަ މުބާރާތަކަށް ހަދައިދިނުމަށެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ތައްޔާރީތަކާއި ހަމައަށް އާދެވިފައިވާއިރު ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗަކީ އިސްޓަވާން އުރުބާނީއެވެ. އެސިސްޓެންޓު ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. އެފްއޭއެމުން މި އުމުރުފުރައަށް ހާއްސަ ސަމާލުކަމެއް ދީގެން ސާފް މުބާރާތަށް ތައްޔާރުކުރަމުން އަންނައިރު އެފްއޭއެމްގެ އެދުމަކީވެސް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަދެ ރާއްޖޭ ޓީމަށް ސަޕޯޓުކޮށްދިނުމެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާނާއި އެކު ގުރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މާޗް 23 ން 3 އޭޕްރީލްގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި އޮންނަ މި މުބާރާތް ހުޅުވާ މެޗުގައި ދިވެހިރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށް 23 ވަނަ ދުވަހުގެރެއެވެ.
ސާފް ޗެމްޕިއަންޝިޕް: ޒުވާން ޓީމުގެ ކެޕްޓަނަކީ އިލާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ