ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ހުތުރު ނަތީޖާއަކާ އެކު ނިމިގެންދާނެ ސަރުކާރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ ދައުލަތުގެ ހުރިހާ ގޯސްތަކެއް މިހާރަށް ވުރެ ބޮޑަށް ފަޅާއަރައި، މުއައްސަސާތައް ސަރުކާރު ދެކެ ބިރު ނުގަނެ ނުފޫޒުން މިނިވަންވާނެ އަހަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިހްލާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
"ވަރަށް ހަޑި ރިޕޯޓަކާއެކު ނިމޭނީ. އޮޑިޓު ރިޕޯޓުތައް ނެރޭނެ، ގަބޫލު ކުރައްވާ މިނިސްޓްރީތަކާއި ކުންފުނިތަކުގެ ރިޕޯޓްތައް ނުކުންނާނެ،" އަދަދު ނޫހުގެ "ފެންނަނުފެންނަ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލްހާމް ރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މުއިއްޒު ބޭނުން ވަނީ ދައުލަތުގެ ބާރުތައް އެ މަނިކުފާނުގެ މުށުތެރެއަށް ލެއްވުމަށް ނަމަވެސް ވެރިކަމުގެ ބާރުތަކަކީ ދާއިމީ އެއްޗެއް ނޫންކަން މި ސަރުކާރުގެ ވެރިންނަށް ވިސްނެން ވެއްޖެ ކަމަށް އިލްހާމް ވިދާޅުވި އެވެެ.
"ރައީސް މުއިއްޒު ވެސް ނުހުންނަވާނެ،" ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބުގައި މުއިއްޒު ބަލިވާނެ ކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުން އިލްހާމް ވިދާޅުވި އެވެ.
މިހާރު ހިނގަމުންދަނީ މި ވެރިކަމުގެ ފަހު ހާފުކަން ފާހަގަ ކުރައްވައި އިލްހާމް ވިދާޅުވީ "ދެން މާގިނަ ވަގުތެއް ވެސް ނެތް،" ކަމަށެވެ.
މުއިއްޒުގެ އަޅުވެތިކަމުގައި މިހާރު އޮތް މަޖިލީހާއި މިނިވަން މުއައްސަސާތައް ކުރިއަށް އޮތް އަހަރު "ވީއްލިގެން ދާނެ" ކަމަށް އިލްހާމް ވިދާޅުވި އެވެ.
"މި އަންނަ އަހަރަކީ އެންމެން ވީއްލޭނެ، ހުރިހާ މިނިވަން މުއައްސަސާތަކެއްގެ މެންބަރުން ވީއްލިގަންނާނެ. ހުރިހާ މަޖިލީސް މެންބަރުންތައް ވީއްލިގަންނާނެ. ސިފައިންނާއި ފުލުހުން ވީއްލިގަންނާނެ." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖެ އައު މިނިވަން މިސްރާބަކަށް ދަތުރުކުރަން ފަށާނެ ކަމަށާއި، އޭރުން ވަކި ބައެއްގެ ބާރު ނުހިނގާނެ ކަމަށްވެސް ވެސް އިލްހާމް ވިދާޅުވި އެވެ.
"މި އަންނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިނިވަން އައްސޭރިއަކަށް ދަތުރުކުރަން ފަށާނެ. ކިންގެއް ވެސް ކްއީނެއް ވެސް ނުހުންނާނެ. މެޑަމްއެއް ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިންނަށް ނަސޭހަތްތެރިވަމުން އިލްހާމް ވިދާޅުވީ ބާރު އޮތް ވަގުތު ރައްޔިތުންނަށް އިހާނެތި ނުވުމަށެވެ.
"އަންނަ އަހަރު މީހުން މިނިވަން ވެގެންނާނެ. އެހެންވީމަ މިއަދު ތިޔަހެން ނުހަދާ. ރާއްޖޭގެ ރައްޔިތުންނާމެދު ރަނގަޅަށް ކަންތައް ކޮށްދެއްވާ،" އިލްހާމް އިލްތިމާސްކުރެއްވި އެވެ.
މިއީ އެންމެ ހުތުރުކޮށް ނިމިގެންދާނެ ސަރުކާރު: އިލްހާމް މިއީ އެންމެ ހުތުރުކޮށް ނިމިގެންދާނެ ސަރުކާރު: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ