ރާއްޖޭގައި އަންނަ ހަފުތާގައި ފަށާ ސާފުގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ތިން ގައުމަކުން ފެންނާނީ ބިދޭސީ ކޯޗުންކަން ކަށަވަރުވެއްޖެ އެވެ.
އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޭޕްރީލް އަށަކަށް ގަލޮޅު ދަނޑުގައި ކުޅޭ މުބާރާތުގައި ބިދޭސީ ކޯޗުން ފެނިގެންދާނީ ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ބޫޓާނުންނެވެ. އިންޑިޔާ އާއި ބަނގްލަދޭޝް އަދި ނޭޕާލާއި ޕާކިސްތާނުގައި ތިބީ އެ ގައުމުތަކުގެ ކުރީގެ ކުޅުންތެރިންނެވެ.
ރާއްޖޭގެ ކޯޗު އިސްތަވާން އުރުބާނީ އަކީ ހަންގޭރީގެ ތަޖުރިބާކާރެކެވެ. މިއީ އޭނާ ރާއްޖޭގައި މަސައްކަތް ކުރާ ތިން ފަހަރެވެ. ކުރީ ދެ ފަހަރު ގައުމީ ސީނިއާ ޓީމާއެކު ސާފް ޗެމްޕިއަންޝިޕުގެ ސެމީ އަށް ދަތުރު ކުރި ކޯޗު ވަނީ ލަންކާގައި 2013 ވަނަ އަހަރު ބޭއްވި 23 އަހަރުން ދަށުގެ ރާޖްޕަކްސާ މުބާރާތުގެ ތަށި ހޯދައިދީފަ އެވެ.
ލަންކާގެ ކޯޗަކީ ގަތަރުގެ އަހުމަދު އަލް މަންނާއީ އެވެ. އޭނާ ލަންކާގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ހުރީ މިދިޔަ ޖަނަވަރީ މަހު ނިމުނު ސާފް ފުޓްސަލް މުބާރާތުގައި ލަންކާގެ ކޯޗަކަށެވެ. އޭގެ ކުރިން ވަނީ ލަންކާގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކުރި އެވެ. މިހެންވެ ޓީމު ގޮވައިގެން ރާއްޖެ އަންނަނީ މި ސަރަހައްދުގެ ބޯޅައިގެ ހާލަތު ދެނެހުރެގެންނެވެ.
ބޫޓާންގެ ކޯޗަކީ ޖަޕާނުގެ ކޯޗު ހިޑެހަރޫ ޓަކަހާޝީ އެވެ. އުމުރުން މިހާރު 57 އަހަރުގެ ކޯޗަކީ ޖަޕާން ފުޓްބޯޅަ ފެޑަރޭޝަނުން ބޫޓާނުގައި ބަހައްޓާފައި ހުންނަ ކޯޗެކެވެ. އޭނާ ވަނީ ބޫޓާންގެ 17 އަހަރާއި 19 އަހަރުން ދަށުގެ ކޯޗުކަން ވެސްކޮށްފަ އެވެ. ބޫޓާންގައި އޭނާ މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވުމާއެކު މި ސަރަހައްދުގެ ފުޓްބޯޅައިގެ ހާލަތު އޭނާ އަށް އެނގޭނެ އެވެ.
ބިދޭސީ ކޯޗުން ތިބި މި ތިން ގައުމު ވެސް ހިމެނެނީ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ އާއި ބޫޓާން އަދި ލަންކާގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ނޭޕާލެވެ. ނޭޕާލް ކޯޗަކީ އެ ގައުމުގެ ކުރީގެ ކުޅުންތެރިޔާ އުރުޖަން ސްރޭޝްތާ އެވެ. އުމުރުން މިހާރު 47 އަހަރުގެ ކުރީގެ ކުޅުންތެރިޔާ ވަނީ 17 އަހަރުން ދަށުގެ ކޯޗުކަން ދެ ފަހަރު އަދި 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
މި މުބާރާތުގައި ޕާކިސްތާނާއި ބަނގްލަދޭޝް އަދި އިންޑިޔާ ހިމެނެނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުން ފެނިގެންދާނެ އެންމެ މަޝްހޫރު ކޯޗަކީ އިންޑިޔާގެ ކޯޗު މަހޭޝް ގޯލީ އެވެ. އުމުރުން 46 އަހަރުގެ ކުރީގެ ޑިފެންޑަރު ވަނީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބު ކޮށް، އިންޑިޔާގެ ގައުމީ ޓީމަށް 86 މެޗު ކުޅެދީފަ އެވެ.
ޕާކިސްތާން ކޯޗަކީ އެ ގައުމުގެ ކުރީގެ ކުޅުންތެރިޔާ ޝަހްޒާދު އަންވަރެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ގައުމީ ސީނިއާ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
ބަނގްލަދޭޝް ޓީމުގެ ކޯޗަކީ އެ ގައުމުގެ ގޮލަމް ރައްބާނީ އެވެ. ސާފުގެ 15 އަހަރާއި 19އަހަރުން ދަށުގެ މުބާރާތް ބަނގްލަދޭޝް ކާމިޔާބު ކުރީ އޭނާގެ ކޯޗުކަމުގަ އެވެ. އޭނާއާއެކު މި ފަހަރު ޓީމާއެކު ކޮންސަލްޓަންޓެއްގެ ގޮތުގައި އިނގިރޭސި ކޯޗް މާކް ކޯޒް ވެސް މާލެ އަންނާނެ އެވެ. ބަނގްލަދޭޝް އަކީ މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތް އެއް ގައުމެވެ. ކުޅުންތެރިންގެ ހުނަރާއި ފެންވަރުގެ އިތުރުން މި މުބާރާތުގައި ކޯޗުންގެ ތަޖުރިބާ އާއި ރޭވުންތެރިކަން ވެސް މުހިންމު ދައުރެއް ކުޅޭނެ އެވެ.
ސާފް އަންޑަ20: ބިދޭސީ ކޯޗުން ތިބީ ރާއްޖެ އާއި ލަންކާ އަދި ބޫޓާންގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ