މާލޭގައި ރޭ ކެމިކަލް ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމަށް އިތުރު އެއް ދުވަސް އެ ކޮމިޝަން މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - އަލިފާނުގެ ހާދިސާ ހިނގި ގުދަން ހުރީ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެންނެވެ. އެހެންވެ އިންތިހާބާ ބެހޭ މަރުކަޒުގެ މަސައްކަތްތަކަށް ގޮންޖެހުންތައް ކުރިމަތިވެ، ވޯޓާސް ލިސްޓުގައި ސޮއި ކުރުން ކޮންމެވެސް ވަރަކަށް މަޑުޖެހުނެވެ.
ތަފްސީލު - އީސީން މިއަދު ބުނީ، ސޯޝަލް ސެންޓަރަށް އިންތިހާބާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ވަގުތީ ގޮތުން ބަދަލުކޮށް، މިއަދު ހެނދުނު 10ގައި އަނެއްކާވެސް ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
"ރޭގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން 21 މާޗު 2026ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10 އިން މެންދުރުފަހު 1ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ،" އީސިން މިއަދު ބުންޏެވެ.
މި މަސައްކަތަށް އެއް ދުވަސް އިތުރު ކުރި ނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10 އިން ހަވީރު 3އަށް އަދި ރޭގަނޑު 9:30 އިން މެންދަމު 12އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
"އިންތިހާބާ ބެހޭ މަރުކަޒު ހުރި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވީ ނަމަވެސް އިންތިހާބުގެ ތާވަލްގައިވާ ގޮތަށް ހުރިހާ މަސައްކަތްތަކެއް ވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށް،" ކޮމިޝަނުން އިތުރަށް ބުންޏެވެ.
ވޯޓާސް ލިސްޓުގައި ސޮއި ކުރަން އިތުރު ދުވަހެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ