އީރާން ހަނގުރާމަ ނިންމަން ވަކި ތާރީހެއް މިހާރު ނެތް ކަމަށާއި ހަނގުރާމައަށް ހަރަދު ކުރަން 200 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހޯދަން ޕެންޓަގަނުން ވައިޓްހައުސްގައި އެދިއްޖެއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު މިއަދު ވިދާޅުވީ, 'ނުބައި މީހުން މަރަން ހިނގާ ހަރަދުވެސް ބޮޑުވާ' ކަމަށާއި 200 ބިލިއަން ޑޮލަރުގެ ބަޖެޓަށްވެސް ބަދަލުތައް އައުން އެކަށީގެންވާ ކަމަށެވެ.
އެމެރިކާ މިންކުރާ ގޮތުން އީރާން ހަނގުރާމަ ކާމިޔާބު ވަމުން ދާކަމަށް ވިދާޅުވެ އޭނާ ވަނީ, އެމެރިކާއިން ހަނގުރާމަ ކުރަމުން ދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށާއި ސީދާ އަމާޒުތަކަށް ހަމާލާދެމުން ކަމަށެވެ.
މީގެ ކުރިން އޭނާ ވަނީ އެމެރިކާގެ މެރައިންސް އީރާނަށް ފޮނުވަން މަސައްކަތް ކުރައްވާކަން ހާމަ ކުރައްވައި 'ލީވް ނޯ ކްއާޓާ' ކަމަށް ވިދާޅުވެ އެމެރިކާގެ ފައުޖުތަކަށް ހިތްވަރު ދެއްވާފައެވެ. ލީވް ނޯ ކްއާޓާގެ މާނަ އަކީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުން ކަމަށް ބަލައި ފަރާތްތަކާ މެދު އެއްވެސް ރަހުމެއް ނެތި މަރާލުމަށް ނުވަތަ ދުޝްމަނުން ހިފާ ހައްޔަރު ކުރުމުގެ ބަދަލުގައި ވަގުތުން މަރާލުމަށް ބޭނުން ކުރާ ބަހުރުވައެކެވެ.
ދިފާއީ ވަޒީރު ހެގްސެތް ވިދާޅުވީ ހަނގުރާމަ ނިންމާނެ އިރެއް ކަނޑައަޅުއްވާނީ ރައީސް ޓްރަމްޕް ކަމަށާއި މިހާރު ކުރިއަށް ދަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އެއްގޮތަށް ކަމަށެވެ.
އެމެރިކާއިން އިޒްރޭލާ ބައިވެރިވެ އީރާނު ހަނގުރާމަ ފެށީ ކޮންގްރެސްގެ ހުއްދަ ހޯދައިގެނެއް ނޫނެވެ. ނަމަވެސް މި 200 ބިލިއަން ހޯދުމުގައި ލޮބީ ގްރޫޕުތަކުން ކޮންގްރެސްގެ ތެރޭގައި ވަނީ މަސައްކަތް ފަށާފައެވެ. ކޮންގްރެސްގެ ކޮންޓްރޯލް އޮންނަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.
ހަބަރުތައް ބުނާގޮތުން މި ބެޖެޓު ދިނުމާ ޑިމޮކްރެޓުން ދެކޮޅު ހަދާނެއެވެ. އަދި ކޮންގްރެސްގެ ބައެއް މެންބަރުންވެސް ހިޔާލުތަފާތު ކަމަށް ހަބަރުތައް ބުނެއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނު ސުންނާފަތި ކުރުމަށް އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދެމުން ގެންދާއިރު, ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް ނުވަތަ ގޭސް ހުންނަ ސަރަހައްދު ވަނީ ގޮއްވާލައިފައެވެ. އެ ގޭސް ފީލްޑަކީ އީރާނާއި ގަތަރު ހިއްސާ ކުރާ ގޭސް ފީލްޑަކަށް ވާއިރު ގަތަރަށް ވެސް ވަނީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ވެފައެވެ.
އީރާނު ހަނގުރާމައިގައި ގަތަރާއި, ސައުދީ, ކްވެއިތު, ޔޫއޭއީ ފަދަ ގައުމުތަކުން އެމެރިކާއާ ބައިވެރި އެ ގައުމުގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު އެމެރިކާއަށް ދީފައި ވުމުގެ ސަބަބުން އީރާނުން ގެންދަނީ އެގައުމުތަކަށް ވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އެމެރިކާގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވައި ހެގްސެތް ވިދާޅުވީ, އެބައިވެރިންގެ ދިފާއަށް އެމެރިކާ އޮންނާނެ ކަމަށެވެ.
ގޭސް ފީލްޑަށް ހަމަލާދީ ގޮއްވާލި މައްސަލައިގައި ޓްރަމްޕް ވިދާޅުވީ އެކަން އިޒްރޭލަށް ކުރެވުނީ ރުޅިއައިސްފައި ތިބި މިންވަރުން ކަމަށާއި, ދެން އެ ގޭސް ފީލްޑަށް ހަމަލާއެއް ނުދޭނެ ކަމަށެވެ.
ހަނގުރާމަ އަށް ހަރަދު ކުރަން 200 ބިލިއަން ޑޮލަރު ދޭން އެމެރިކާ ސަރުކާރުން ކޮންގްރެސްގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ