ހަނގުރާމައާ ހެދި އިގްތިސާދީ ދުވެލި މަޑުޖެހި، ތަކެތީގެ އަގުތައް އުފުލިދާނެ: އައިއެމްއެފް

އީރާނުގެ ހަނގުރާމައިގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތައް ދިގުލައިގެން ހިނގައިދާނެތީ، އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި، އިގްތިސާދީ ކުރިއެރުން ހީނަރުވެދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިއަދު އިންޒާރު ދީފި އެވެ.
އައިއެމްއެފްގެ ތަރުޖަމާނު ޖޫލީ ކޮޒެކް ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފުލުމަށް މިހާރު ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެ އެވެ. މީގެ ސަބަބުން ސާފުނުކުރާ ތެލުގެ އަގު %50އަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ، މީގެ އަސަރު މުޅި ދުނިޔެއަށް ކުރާ މިންވަރު ބިނާވެފައި އޮންނާނީ ހަނގުރާމަ ދެމިގެންދާ މުއްދަތާއި އޭގެ ވަރުގަދަކަމާއި ފެތުރިގެންދާ ދާއިރާގެ މައްޗަށެވެ.
އައިއެމްއެފްގެ ހިސާބުތަކަށް ރިއާޔަތްކުރައްވައި ކޮޒެކް ފާހަގަކުރެއްވި ގޮތުގައި، ހަކަތައިގެ އަގުތައް އެއް އަހަރުދުވަހުގެ މުއްދަތަށް %10 މަތީގައި ހުރެއްޖެ ނަމަ، ދުނިޔޭގެ އިންފްލޭޝަން ރޭޓް %0.4 އިތުރުވެ، އިގްތިސާދީ އުފެއްދުންތެރިކަން %0.2އަށް ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ.
"ތެލުގެ އަގު އަހަރެއްގެ މުއްދަތަށް 100 ޑޮލަރަށް ވުރެ މަތީގައި ހުރެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު އިންފްލޭޝަނަށާއި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑަށް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ކުއްލި މާލީ އެހީތެރިކަމަށް އެދި އެއްވެސް ގައުމަކުން ހުށަހަޅާފައި ނުވި ނަމަވެސް، މެންބަރު ގައުމުތަކަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށާއި، ގައުމުތަކުގެ ފިނޭންސް މާލީ ވަޒީރުންނާއި ބޭންކުތަކާ އެކު މުއާމަލާތް ކުރަމުންދާ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ.
ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން ކުރިމަތިވާ އިންފްލޭޝަންގެ ނުރައްކާ އިގްތިސާދުގެ އެހެން ދާއިރާތަކަށް ފެތުރިގެން ހިނގައިދާނެތީ، ސެންޓްރަލް ބޭންކުތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވެ ތިބުމަށް ކޮޒެކް އިރުޝާދު ދެއްވި އެވެ.
މީގެ އިތުރުން، ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ މި ހުރަސްތަކުގެ ސަބަބުން، ގަލްފް ކޮޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން ވެސް މަޑުޖެހޭނެ ކަމަށް އައިއެމްއެފް އިން ލަފާކުރެ އެވެ. އެކަން ބިނާވެފައި އޮންނާނީ ތެލާއި ގޭސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަލުން އާންމު ހާލަތަކަށް ގެނައުމަށް ހޭދަވާ މުއްދަތެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ