ޕްރައިމް ގުދަން އަލިފާން: 122 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މާފަންނުގައި ހުރި ޕްރައިމް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، 122 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. މިއީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ. އަދި ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރިކަޒުގެ ކައިރީގައި ހުރި ގުދަނެއްގައެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭގަނޑު 11:00 ޖަހައިކަށްހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާއާޢި ގުޅިގެން 15 ގެއަކުން 31 ގޭބިސީގެ 472 މީހަކު އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީވެފައެވެ. މި 15 ގެއިން މީހުން ހުސް ކުރަން ޖެހުނީ ބޯދުމުގެ ސަބަބުންނެވެ. މި ގެތަކުން ރެޖިސްޓްރީވީ މީހުންގެ ތެރޭގައި 394 ފިރިހެނުންނާއި 78 އަންހެނުންހިމެނެއެެވެ. މީގެތެރޭގައި 313 ބިދޭސީން ހިމެނެއެވެ.
އިވެކުއޭޝަން ސެންޓަރުގައި ރެޖިސްޓްރީވި މީހުންގެ ތެރެއިން 11 ގެއެއްގެ 29 ގޭބިސީއެއްގެ 122 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސާދެއްވާފައިވެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ މިހާދިސާ ހިނގި ގުދަން ސާފުކުރުމުގެ މަސައްކަތް ދިވެހި ސިފައިން ކުރަމުން ދާކަމަށެވެ. އަދި މި މަސައްކަތުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ކައުންސިލް އަދި ޕަބްލިކް ވޯކްސްއިން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެއެއަރޕޯޓު ފަޔަރ ހަރަކާތްތެރިވެފައިވެއެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ނަމަ، އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވި ގުދަނަކީ ކެމިކަލް ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ގުދަނެކެވެ. މިޙާދިސާގައި ގުދަން ބޭނުންނުކުރޭވަރަށް ހަލާކުވެފައިވާއިރު، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ