ސަރުކާރުގެ ކެންޑިޑޭޓުން ކުރާނީ މުއިއްޒު ބުނާ ކަންކަން: ސޯލިހު

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ގާނޫނަށް ބެލުމެއް ނެތި ކުރާނީ ރައީސް މުހައްމަދު މުއިއްޒު ބުނާ ކަމެއް އެކަނި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.އެމްޑީޕީން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން ގާނޫނަށް ބެލުމެއް ނެތި ކުރާނެ ހަމައެކަނި ކަމަކީ މުއިއްޒު ބުނާ ކަންތައްތައް ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އެމްޑީޕީގެ ކެންޑިޑޭޓުން މަސައްކަތްކުރާނީ ގާނޫނާ އެއްގޮތަށް ރައްޔިތުންނަށް ކަމަށް ސޯލިހު ވިދާޅުވި އެވެ.ސޯލިހު ވިދާޅުވީ މި ސަރުކާރަށްވީ ދެ އަހަރުގެ ތެރޭގައި އިގްތިސާދު ބަރާބަރަށް ހިނގާ ކަމަށާއި އަދި މުޅި ދުނިޔޭގެ އިގްތިސާދު ވެސް ރަނގަޅަށް އޮތްއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި 38 ބިލިއަން ރުފިޔާއިން ދައުލަތް ދަރުވާލާފައިވާ ކަމަށެވެ."މުޅި ދައުލަތުގެ ދަރަނި 160 ބިލިއަނަށް އަރައިފި. މިހެން ދޫކޮށްލައިގެން ތިބެއްޖެއްޔާ މި ފަސް އަހަރު ނިމޭއިރުގައި 200 ބިލިއަނަށް މި ދައުލަތުގެ ދަރަނި ތިބޭފުޅުންގެ ބޮލުގައި އެޅިގެންދާނެ،" އިބޫ ވިދާޅުވި އެވެ.ސޯލިހު ވަނީ މިކަން މިގޮތަށް ދިމާވަނީ ކަންކުރާނެ ގޮތް ނޭނގޭތީ ކަމަށާއި ސަރުކާރުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގާއިރު، މިފަދަ ބޭފުޅުންގެ ސިޔާސަތުތަކާއި އެކީ އަންނަ ކައުންސިލްތައް ހިނގާނެ ގޮތެއް ނުވިސްނޭ ކަމަށްވެސް ވިދާޅުވެފަ އެވެ."ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ރަށްރަށަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކުރުން. ގާނޫނަށް އެތައް ބަދަލުތަކެއް ގެނެސްފި. އެއަށްފަހުގައި ކައުންސިލަށް ކުރިމަތިލައްވައިގެން ދެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ. ކެންޑިޑޭޓުން ނެރެގެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ."ސޯލިހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ލާމަރުކަޒީ ނިޒާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. މިގޮތުން މިދިޔަ ސަރުކާރުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އޭގެ ހެޔޮ ބަދަލުތައް ވެސް ފެނުނު ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ