އައިއޯއެސް 27 އާއެކު ކުރީގެ އައިފޯނުތަކުގެ ބެޓެރީ ލައިފް ރަނގަޅުވާނެ: ރިޕޯޓް
އެޕަލް އިން ނެރުމަށް ތައްޔާރުވަމުންދާ "އައިއޯއެސް 27" އޮޕަރޭޓިން ސިސްޓަމްގައި، ކުރީގެ އައިފޯނުތަކުގެ ޕާފޯމަންސް ރަނގަޅުކޮށް ބެޓެރީ ލައިފް އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލް އިން މިހާރު މަސައްކަތް ކުރަމުންދަނީ އައިއޯއެސްގެ މުސްކުޅި ކޯޑުތައް އަލުން ލިޔެ، ބޭނުން ނުކުރެވޭ ބައިތައް ނަގައި ސިސްޓަމް އިތުރަށް ލުއިކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ފޯނުގެ މަސައްކަތްތައް ހަލުވިކޮށް، ބެޓެރީ ބޭނުންކުރާ މިންވަރު ދަށްކުރުމެވެ. އައިއޯއެސް 27 އަކީ މިހާތަނަށް ނެރޭ އައިއޯއެސްގެ އެންމެ ބޮޑު އަޕްޑޭޓް --- ކުރިން ވާހަކަ ދެކެވިފައިވާ ގޮތުގައި އައިއޯއެސް 27 ގައި އެންމެ ބޮޑަށް ފޯކަސް ކުރާނީ "އެޕަލް އިންޓެލިޖެންސް" އަށެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން، އޮޕަރޭޓިން ސިސްޓަމްގެ އަސާސީ ބައިތައް އިސްލާހު ކުރުމަކީވެސް މި އަޕްޑޭޓުގެ މުހިންމު ބައެކެވެ. މި ބަދަލުތަކުގެ ސަބަބުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ އައިއޯއެސް 27 އިންސްޓޯލް ކުރުމުން، ހަމައެކަނި އާ ފޯނުތަކުގެ އިތުރުން ކުރީގެ މޮޑެލްތަކުގެ އައިފޯނުތަކުގެ ބެޓެރީ ލައިފް ވެސް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް އައިފޯން 18 ޕްރޯ މެކްސް އަދި އަލަށް ނެރުމަށް ހަމަޖެހިފައިވާ "އައިފޯން ފޯލްޑް" (ފަށްޖަހާލެވޭ ފޯން) ގައި ބެޓެރީގެ ކެޕޭސިޓީ ބޮޑުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ޚާއްސަކޮށް އައިފޯން ފޯލްޑް ވެގެންދާނީ މިހާތަނަށް އައިފޯނެއްގައި ހިމެނޭ އެންމެ ބޮޑު ބެޓެރީ ހިމެނޭ ފޯނަށެވެ. އަދި މި ފޯނުތަކުގައި ބޭނުންކުރާ އޭ20 ޕްރޮސެސަރުގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު އިތުރަށް ކުޑަވެގެންދާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ. އެޕަލް ކުންފުނިން ކޮންމެ އަހަރަކުވެސް އާ އައިފޯނު ސީރީޒް ނެރުމާ ދިމާކޮށް އައިއޯއެސްގެ ބޮޑު އަޕްޑޭޓެއް އާންމުކުރެއެވެ. ފަހަކަށް އައިސް އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ "އެޕަލް އިންޓެލިޖެންސް" ނުވަތަ އޭއައި ފީޗާތައް ތަރައްގީ ކުރުމަށެވެ. ނަމަވެސް، އާ ސޮފްޓްވެއާ އަޕްޑޭޓްތަކާއެކު، ޚާއްސަކޮށް ދުވަސްވީ ފޯނުތަކުގެ ސްޕީޑް ދަށްވުމާއި ބެޓެރީ އަވަހަށް ހުސްވުމުގެ ޝަކުވާއަކީ އައިފޯނު ބޭނުންކުރާ ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން، ސިސްޓަމްގެ ކޯޑުތައް އަލުން ލިޔެ، ސޮފްޓްވެއާ އިތުރަށް ލުއިކުރުމަށް (އޮޕްޓިމައިޒް ކުރުމަށް) އެޕަލްއިން މި ފަށާ މަސައްކަތަކީ ޔޫޒަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ