ގުޅިއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް

މާލެ އަތޮޅު ގުޅިއަށް މަސްތުވާތަކެތި އެތެރެކުރި އެ ރަށު މީހަކު އުމުރަށް ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ. ގުޅިއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކ. ގުޅީ ގްރީންޕީސް މުހައްމަދު ނިހާންގެ މައްޗަށެވެ. ނިހާންގެ މައްޗަށް ގުޅީ ކޯޓުން ހުކުމް އިއްވީ މިދިޔަ ހަފްތާގައެވެ. ނިހާންގެ މައްޗަށް ހުކުމް އިއްވި މައްސަލައަކީ، 2024 ވަނަ އަހަރުގެ މޭ މަހު ފަހުކޮޅު އެއް ދުވަހެއްގެ ހަވީރު، ގުޅިއަށް ދަތުރުކުރާ ލޯންޗަކުން އެ ރަށަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެވެ. ގުޅީ ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 2024 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ހަވީރު، ނިހާން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތެއްގެ އަލީގައެވެ. އޭނާ ހައްޔަރުކޮށް ބެލިއިރު، އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނިފައިވުމުން ދައުލަތުން ނިހާންއާ ދެކޮޅަށް، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީއެވެ. ނިހާންގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރުމުން ޝަރިއަތުގައި އޭނާވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާ ޝަރިއަތުގައި ބުނެފައިވަނީ ފުލުހުން އޭނާ ފްރޭމްކުރީ ކަމަށެވެ. އެކަމަކު މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ނިހާންގެ ދަބަހުން މަސްތުވާތަކެތި ފެނުމުގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތިވަނީ މަސްތުވާކެއްޗަށް ފައްސި ވެސް ވެފައެވެ. މި މައްސަލައިގައި ނިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޝަރިއަތުން ކަނޑައެޅުމުން، ނިހާންވަނީ ލުއި އަދަބެއް ދިނުމަށް އެދިފައެވެ. މި މައްސަލައިގައި ގުޅީ ކޯޓުގެ އިސްމެޖިސްޓްރޭޓް ހައްމާދު އަލީ އިއްވި ހުކުމުގައިވަނީ ނިހާންގެ މައްޗަށް 100،000 ރުފިޔާގެ ޖޫރިމަނާއަކާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އުމުރު ދުވަހުގެ ޖަލު ހުކުމް ރާއްޖޭގައި ބަލަނީ 25 އަހަރު ކަމަށެވެ. މި މައްސަލައިގައި ތަހުގީގު އަދި ޝަރިއަތުގެ މަރުހަލާގައި ނިހާން ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ނިހާން ދެން ތަންފީޒު ކުރަން ޖެހޭ ހުކުމަކީ 24 އަހަރާއި ނުވަ މަހާއި ހަތަރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ