ދިރާގުގެ 88 މުވައްޒަފެއްގެ ހިދުމަތް ފާހަގަކޮށް އެވޯޑް ދީފި

ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ހަފުލާއަކީ އެ ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހީވާގި މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމަށް ބޭއްވުނު ހާއްސަ ހަފްލާއެކެވެ.
މި އެވޯޑް ހަފުލާއަކީ ދިރާގަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކައިފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުހިންމު ހަފްލާއެކެވެ.
މީގެ އިތުރުން، މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަފްލާއެކެވެ.
މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދު، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި އިސްވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލް - މި ހަފްލާގައި ދިރާގަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 88 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އެގޮތުން:
ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައި 
ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތް ގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފައި 
އޭގެ ތެރޭގައި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑް، 14 ޑިވިޝަނަލް މެރިޓް އެވޯޑް، 10 ސްޕެޝަލް މެރިޓް އެވޯޑް އަދި 3 ޕްރޮޖެކްޓަކުން 8 މުވައްޒަފުން ވަނީ އިނޮވޭޝަން އެވޯޑް ހާސިލުކޮށްފައި
ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ 'ޗެއާޕާސަންސް އެވޯޑު' ހާސިލުކޮށްފައިވަނީ ކޮންސިއުމަ ސާވިސަސްގެ ހަލަފް މުހައްމަދު ނާފިޒެވެ. އެގޮތުން:
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މަސައްކަތުގެ މައިދާނަށް ނުކުތް ހަލަފަކީ މިއަދު އެ ކުންފުނީގައި ހީވާގިކަމާ އެކު މަސައްކަތްކުރަމުން އަންނަ ފާހަގަކޮށްލެވޭ އަދި ނަތީޖާ ނެރޭ މުވައްޒަފެއް 
ހަލަފް ވަނީ ބާޒާރުގެ ބޭނުންތަކަށް އަވަހަށް އިޖާބަދީ، މި މަސައްކަތްތައް އިތުރަށް ހަލުއިކުރެވޭނެ ޕްލެޓްފޯމެއް ތަސައްވުރުކޮށް، އެ ޕްލެޓްފޯމް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ ޕްލެޓްފޯމްގެ އެހީގައި ކުންފުންޏަށް އިތުރު ފައިދާތައް ހޯދައިދީފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ