އީރާނުން އެމެރިކާގެ 2 އަސްކަރީ މަތިންދާބޯޓު ވައްޓާލައިފި

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، އެމެރިކާ އަސްކަރިއްޔާގެ އެފް-15 ފައިޓާ ޖެޓަކާއި އޭ-10 މަރުކާގެ މަތިންދާބޯޓެއް އިއްޔެ ވައްޓާލާފައިވާ ކަމަށް އީރާނުގެ ސިފައިން ހާމަކޮށްފި އެވެ.
އީރާނުގެ ހާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އީރާނުގެ ހުޅަނގު ދެކުނު ސަރަހައްދުން ދަތުރުކުރި އެފް-15 ޖެޓެއް އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ މުޅިން ސުންނާފަތިކޮށްލާފަ އެވެ.
މީގެ އިތުރުން، އޭ-10 މަރުކާގެ ބޯޓަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅި ކައިރިން ކަނޑަށް އެ ބޯޓު ވެއްޓިފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ބުނެ އެވެ. މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ އޭ-10 ބޯޓުގެ ޕައިލެޓް ސަލާމަތްވެފައިވާ ކަމަށެވެ.
ނަމަވެސް، އެފް-15 ޖެޓުން ދަތުރުކުރި ފަރާތްތަކަށް ވީ ގޮތެއް އަދި ކަށަވަރެއް ނުވެ އެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެކަކު ސަލާމަތް ކުރެވިފައިވީ ނަމަވެސް، އަނެއް މީހާ އަދިވެސް ފެނިފައެއް ނުވެ އެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޕައިލެޓުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އެ ގައުމުގެ ޕްރޮވިންޝަލް ގަވަރުނަރަކު ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރީން ހޯދައި ހައްޔަރުކުރާ ފަރާތްތަކަށް ހާއްސަ އިނާމެއް ދެވޭނެ އެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މީގެ ސަބަބުން ހާރިޖީ ގުޅުންތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"މިއީ ހަނގުރާމައެއް. އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވަނީ އެމެރިކާގެ ލީޑަޝިޕަށް ފާޑުވިދާޅުވެ، ހަނގުރާމައިގައި ކުރިއެރުން ލިބެމުންދާ ކަމަށް ބުނެ އެމެރިކާ އިން ކުރިން ދައްކަމުންދިޔަ ވާހަކަތަކަށް މަލާމާތް ކުރައްވާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ޕެންޓަގަން އާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އީރާނުން މިފަދަ ދައުވާތައް ކުރި ނަމަވެސް، އެމެރިކާއިން އެކަންކަން ދޮގުކޮށްފައިވެ އެވެ.
މިދިޔަ 28 ފެބްރުއަރީގައި ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ ބައެއް މަތިންދާބޯޓުތައް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އޮޅިގެން ދެވުނު ހަމަލާތަކެއްގައި ހަލާކުވި ތިން އެފް-15 ޖެޓާއި އިރާގުގައި ވެއްޓުނު ތެޔޮ އަޅާ ބޯޓެއް ހިމެނެ އެވެ. އެ ހާދިސާގައި ހަ މީހުން މަރުވި އެވެ.
މީގެ އިތުރުން އެމެރިކާގެ ބައެއް ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ވެސް އީރާނުން ބުނެ އެވެ.
އަސްކަރީ މާހިރުން ސިފަކުރާ ގޮތުގައި އެފް-15 ޖެޓެއް ވައްޓާލުމަކީ ވަރަށް ބޮޑު ކަމެކެވެ. އެމެރިކާގެ ރިޓަޔާޑް ކާނަލް މައިލްސް ކެގިންސް ވިދާޅުވީ، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް ހަމަލާދީފައިވީ ނަމަވެސް، އަތުން އުފުލޭ ކުދި ދިފާއީ ނިޒާމުތަކުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ