އީސީ ވަރަށް ފަރުވާކުޑަ، މިއީ ރައްޔިތުން ނުކުންނަން ޖެހޭ މަޖުބޫރު ވޯޓެއް: ޔާމީން

ރާއްޖޭގެ އިންތިހާބުތައް ތަރުތީބުކުރެވިފައިވާ ގޮތާ މެދު ހިޔާލު ހޯދުމުގެ މުހިންމު ވޯޓެއް އޮތް ނަމަވެސް ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ޒިންމާ އަދާކޮށްފައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އިދިކޮޅު ޕީއެންއެފްގެ ލީޑަރު ޔާމީން މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓަށް ވޯޓު ދެއްވުމަށް ފަހު 'ޗެނަލް13'އަށް އިންޓަވިއު ދެއްވަމުންނެވެ.
ބުނީ ކީކޭ؟ - އަހުމަދިއްޔާ ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް ވޯޓުލެއްވުމަށް ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ އަސާސީ ސިފައަކާ ގުޅޭ ގޮތުން ވޯޓެއް ނަގަމުންދާއިރު މިއީ އިހުތިޔާރީ ވޯޓެއްގެ ގޮތުގައި އެއްވެސް ރައްޔިތަކު ދެކިގެން ނުވާނެ ކަމަށެވެ. މިއީ ކޮންމެ މީހަކު ވެސް ނުކުންނަން ކޮންމެހެން ޖެހޭ ވޯޓެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވެސް މިއަދު ވޯޓު ދެއްވަން ވަޑައިގަންނަވާ. އެއްގޮތަކަށް ވެސް އިހުތިޔާރީ ވޯޓަކަށް މި ވޯޓު ނުބައްލަވާ. މަޖުބޫރު ވޯޓަކަށް ހައްދަވާ،" ޔާމީން ވިދާޅުވި އެވެ.
މިއީ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ، ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރުކުރުމަކީ އީސީގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އީސީން ކަންކަން ހަމަޖައްސާފައިވަނީ ވަރަށް ގައިރު ޒިންމާދާރުކޮށް ކަމަށް ޔާމީން ވިދާޅުވި އެވެ.
ވޯޓުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ޔާމީން ފާޑުވިދާޅުވި ކަންކަމަކީ:
ވޯޓުލާން އަންނަ މީހަކަށް އޭނާ ވޯޓުލާން ބޭނުންނުވާ ކަރުދާހެއް އަތަށް ނުނަގަން ދޫކޮށްލަން ނިންމުން
ރާއްޖޭން ބޭރު ބައެއް ގައުމުތަކުގައި ތިބި އެތައް ހާސް ދިވެހިންނަށް މި ވޯޓުގައި ބައިވެރިކުރުމަށް މަސައްކަތްތަކެއް ނުކުރުން؛ އެ ގައުމުތަކުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބެހެއްޓުން
ރާއްޖޭގައި ތިބި ދިވެހިންނަށް ވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ، މި ވޯޓު ލާން ނުކުންނަން ބާރުއެޅުމަށް ކޮމިޝަނުން މާ ގިނަ މަސައްކަތްތަކެއް ކޮށްފައި ނެތުން
"ރީރަޖިސްޓްރީވާން މީހުންގެ އިންޓްރެސްޓެއް، ޝައުގެއް ފެންނަން ނެތީމައި ތިމަންނަމެންގެ [އީސީގެ] ވެސް އިންޓްރެސްޓެއް ނެތޭ. އެހެނެއް ނޫން އެ ކަން އޮންނަން ވާނީ. އީސީގެ އިންޓްރެސްޓް އޮންނަން ވާނެ ގައުމީ މިހާ ބޮޑެތި ކަންކަމުގައި މީހެއްގެ އިންޓްރެސްޓް ނެތަސް،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - މިއަދު ކުރިއަށްދާ ވޯޓުތަކުގެ ތެރޭގައި ހިމެނެނީ:
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިހާބު 
ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު
މިއަދު ހެނދުނު 8 ޖަހާއިރުން ފެށިގެން ހަވީރު 4 ޖަހަންދެން މި ތިން ވޯޓު ކުރިއަށްދާނެ އެވެ. މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ