ނަތަންޔާހޫ މި އަމުރު ނެރުނީ ޓެލެގްރާމް މެދުވެރިކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އޭނާ ބުނި ގޮތުގައި އިސްރާއީލުން އުޅެނީ ހިޒްބުالله އާ ދެކޮޅު ހަނގުރާމައެއްގައެވެ. އަދި ހަމަލާތައް ދިނުމުގައި ފަހަތަށް ޖެހުމުގެ ބަދަލުގައި، ކުރިއަށްވުރެ ބޮޑަށް ބާރުސްޕީޑުގައި ހަމަލާތައް ވަރުގަދަކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. މި ނިންމުމަކީ އިސްރާއީލުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ހަރުކަށި ފިކުރުގެ މިނިސްޓަރުންގެ އެދުމުގެ މަތިން ނިންމި ނިންމުމެކެވެ.
މި އަމުރު ނެރެފައިވަނީ ވޭތުވެދިޔަ މަހު ލުބުނާނާއެކު އެއްބަސްވި އަދި ދާދިފަހުން މުއްދަތު އިތުރުކުރި "ހަމަލާބަދަލުކުރުން ހުއްޓާލުމުގެ" އެއްބަސްވުމާ ޚިލާފަށެވެ.
ނަތަންޔާހޫގެ ބަޔާނަށްފަހު، އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ބިގާއު ވާދީއަށާއި އެހެނިހެން ސަރަހައްދުތަކުގައި ހުރި ހިޒްބުالله ގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.
އިސްރާއީލުން ހަމަލާތައް ވަރުގަދަކުރި މި ދަނޑިވަޅަކީ، 18 އަހަރަށްފަހު 2000 ވަނަ އަހަރު އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުން ފޭބި ދުވަސް ފާހަގަކުރުމަށް ލުބުނާނުން ތައްޔާރުވަމުންދިޔަ ދަނޑިވަޅެވެ.
މި ހަމަލާތަކުގައި ލުބުނާނުގެ ޓަޔަރ އަދި ނަބާތިއާ ސަރަހައްދުން ހަތަރު މީހުން މަރުވެ ތިން މީހުން ޒަޚަމްވެފައިވެއެވެ. އަދި އިސްރާއީލުން ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް މަނާ ހަތިޔާރެއް ކަމަށްވާ ހުދު ފޮސްފަރަސް ބޭނުންކޮށްގެން ހަމަލާދީ، ދަނޑުބިންތަކުގައި ރޯކޮށްލާފައެވެ.
އިސްރާއީލުގެ ހަމަލާތައް ވަރުގަދަކުރަން ނިންމީ، ހިޒްބުالله އިން ފޮނުވާލި ޑްރޯން ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ މީހަކު މަރުވެ، އިތުރު މީހަކު ޒަޚަމްވުމާ ގުޅިގެންނެވެ. މިއާއެކު އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނީ ހިޒްބުالله ގެ ކޮންމެ ޑްރޯން ހަމަލާއަކަށް ބެއިރޫތުގެ 10 އިމާރާތް ވައްޓާލަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރު ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރިމަތީގައި މޭޒުމަތީގައި އަތުން ޖަހާފައި ނަމަވެސް ލުބުނާނުގައި ވަރުގަދަ ހަނގުރާމައަކަށް އެނބުރިދާންޖެހޭނެ ކަމަށް ބުނެފައެވެ.
ލުބުނާނަށްދޭ ހަމަލާތައް ވަރުގަދަކުރަން ނަތަންޔާހޫ އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ