މެންގްރޫވް ކަޕަށް މިފަހަރު ވަރުގަދަ ޓީމުތަކެއް، މެޗުތައް ސަން ޕްލޭއިން ވަގުތުން

މި މަހުގެ 20 ވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފެށުމަށް ތައްޔާރުވަމުންދާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް" ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަށެވެ. މިއަހަރުގެ މުބާރާތް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ތިން ލައްކަ ރުފިޔާގެ ބޮޑު ފައިސާގެ އިނާމެވެ. މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަށް ދިން އަދަދުގެ ދެގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން ރަނާސްއަޕް ޓީމަށްވެސް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އިންތިޒާމުތައް ފުރިހަމަކުރުމުގެ ގޮތުން، ބައިވެރިވާ ޓީމުތަކުގެ އަތުން އެއްވެސް އެންޓްރީ ފީއެއް ނުނަގާއިރު، ރަށުން ބޭރުން އަންނަ ޓީމުތަކަށް ބޭނުންވާ އެކޮމޮޑޭޝަނާއި މެހްމާންދާރީގެ ކަންކަން ކެނދިކުޅުދޫ ކައުންސިލުން ފޯރުކޮށްދެނީ ނަމޫނާ ދައްކަމުންނެވެ. މިއީ ރަށްރަށުގައި ބާއްވާ މިފަދަ މުބާރާތްތަކުން އާންމުކޮށް ނުފެންނަ ވަރުގެ ބޮޑު އެހީތެރިކަމެކެވެ. މިއަހަރުގެ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އެންމެ ވަރުގަދަ ބާރު، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ 23 އަހަރުން ދަށުގެ ޓީމު މި މުބާރާތުގައި ވާދަކުރާތީއެވެ. މިއީ ރާއްޖޭގެ ރަށެއްގައި ބާއްވާ މުބާރާތަކުން ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ ޓީމެއް ފެންނާނެ ފުރަތަމަ ފަހަރެވެ. މާޒިޔާގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ ވަރުގަދަ ޓީމުތަކެއް މިއަހަރު ކެނދިކުޅުދޫއަށް ޖަމާވާނެއެވެ. އޭގެ ތެރޭގައި މީގެ ކުރިން ދެ ފަހަރު ފައިނަލްގައި ކުޅެފައިވާ ޅ. ނައިފަރު ޗެލްސީ އާއި، ރ. އަލިފުށި ރެކްރިއޭޝަން ކްލަބް އަދި އދ. މަހިބަދޫއަށް ނިސްބަތްވާ ޖިބިލީ ސްޕޯޓްސް ކްލަބް ހިމެނެއެވެ. ނ. އަތޮޅުން ވާދަކުރަނީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާއި، މަނަދޫ ސްޕޯޓްސް ކްލަބް އަދި މާފަރު ފުޓްބޯލް ކްލަބެވެ. މުބާރާތުގެ ގަވާއިދު ބަައްޓަންކޮށްފައިވާ ގޮތުން، ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުގެ ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު އޮތުމާއި، މި ދުވަސްވަރަކީ ގައުމީ ފެންވަރުގެ އެހެން މުބާރާތެއް ނެތް ދުވަސްވަރަކަށް ވުމުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އެންމެ މޮޅެތި ތަރިން މި މުބާރާތުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި މަހުގެ 20 އިން 30 އަށް ކުރިއަށްދާ މި މުބާރާތް އިންތިޒާމުކޮށްފައިވަނީ 8 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، މުބާރާތުގެ ގުރުލުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މިއަހަރުގެ މެންގްރޫވް ކަޕުގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާްމް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އެސްއެސް ޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ސަން ޕްލޭއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުޅިވަރުގެ ހަރަކާތްތައް ވަގުތުން ގެނެސްދެމުންނެވެ. މީގެތެރޭގައި އެކި ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ