އެމްޑީޕީގެ ހިންގުން ނަޝީދު ހިމެނޭހެން، ފަސް ލީޑަރުންގެ ކޮމިޓީއަކާ ހަވާލުކުރަނީ

ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ އިދިކޮޅު އެމްޑީޕީގެ ހިންގުން، ޕާޓީގެ ފަސް ލީޑަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީއަކާ ވަގުތީ ގޮތުން ހަވާލުކުރަން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ފަހު، އެމްޑީޕީގެ އެެތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އެ އިންތިޚާބުތަކުން ކުރި ހޯދައިފައިވަނީ އެމްޑީޕީން ކަމަށްވާއިރު، އެ ކާމިޔާބީގެ ފަހަތުގައި ވަނީ ކޮން ލީޑަރެއް ކަމާ މެދު އެ ޕާޓީ ތެރޭގައި ވަނީ ބަހުސް އުފެދިފައެވެ. އެމްޑީޕީގެ ކާމިޔާބީގެ އުފަލުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދޭ ކަމަށް ބުނެ، ޕާޓީގެ ތެރޭގައި މައްސަލަ ގޯސްވިއެވެ. އަދި ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. އެ މައްސަލައިގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީ ބައިބައިވި ގޮތަށް، އަނެއްކާވެސް ބައިބައިވެދާނެ ކަމުގެ ކަންބޮޑުވުން އެ ޕާޓީ ތެރޭގައި ވަނީ އުފެދިފައެވެ. ނަމަވެސް ރޭ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ޚިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު ވެސްވަނީ، މައްސަލަ ހައްލުވެފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައި، އެކަމުގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. https://sun.mv/220442 އެހެންނަމަވެސް، އޭގެ ކުރިން، ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ވަނީ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މަގާމުން ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ވެސް އޮތީ ނިންމައިފައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި، އެމްޑީޕީން ވަނީ މިރޭ ގައުމީ މަޖިލީހުގެ އެހެން ބައްދަލުވުމެއް ބާއްވަން ނިންމައިފައެވެ. އެ ބައްދަލުވުމުގައި ހުށަހަޅާނެ ކަންތައްތަކުގެ ތެރޭގައި، ކުރީގެ ރައީސުން ގައުމީ މަޖިލީހުގައި ހިމެނުން ހިމެނޭނެއެވެ. އެއީ، ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނަޝީދަށް ދިނުމަށެވެ. މީގެ އިތުރުން، ޕާޓީ ހިންގަން ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނަގަން ހުށަހަޅާނެއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ޞާލިޙާއި ނަޝީދާއި ފައްޔާޒާއި ޣަފޫރާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް "ސަން"އަށް އެނގިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީގެ ހިންގުން ނަޝީދު ހިމެނޭހެން، ފަސް ލީޑަރުންގެ ކޮމިޓީއަކާ ހަވާލުކުރަން މިރޭ ހުށަހަޅާނެ --- ސަން ފޮޓޯ/ ހުސައިން ހާފިޒު މީގެ އިތުރުން، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރި އަޙްމަދު މަޢުރޫފާއި ޗެއާޕާސަންގެ ނައިބު ކަމުން ވަކިކުރި އިބްރާހީމް ވަހީދު (އިބުރޭ)ގެ މަގާމުތައް، އަލުން ދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު 2023ގައި އޭރުގެ ރައީސް ޞާލިޙަށް ލިބުމުން، ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި ރޫޅުނެވެ. އެއަށްފަހު، ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ވަކި ޕާޓީއެއް ހައްދަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރިއެވެ. އެ އިންތިޚާބުން އެމްޑީޕީ ނާކާމިޔާބުވީ އޭގެ ސަބަބުން ކަމަށް އޭރު ގިނަ ބަޔަކު ބުނެފައިވެއެވެ. https://sun.mv/220355 އެމްޑީޕީއާ ދުރުގައި ހުންނެވިއިރު ނަޝީދު ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕާޓީގެ ލީޑަރުންނަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ނަޝީދު ވަނީ އަލުން ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެހެންނަމަވެސް ޕާޓީގެ ލީޑާޝިޕްގެ ތެރޭގައި އަދިވެސް ވަރަށް ވާދަވެރިކަން ބޮޑު ކަމަށް ބައެއް މެންބަރުން ފާހަގަކުރެއެވެ. އެގޮތުން ޕާޓީގައި އިސްކޮށް ތިއްބެވި، ޞާލިޙާއި ނަޝީދާއި ފައްޔާޒު ވެސް ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ