ހުއްދަ ނެތް ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަނީ

އެމްއެފްޑީއޭ އިން ގެޒެޓުކުރި އިޢުލާނެއްގައި ބުނީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަކުރުމުގެ އިތުރުން ހަންގަނޑު ރީތިކުރުމާއި ޖިންސީ ކަންކަމަށް ބޭނުންކުރާ ހުއްދަ ނެތް ބޭސްތައް ރާއްޖެއަށް އެތެރެކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ބޭސްތައް އޮންލައިންކޮށާއި އާންމު ބައެއް ފިހާރަތަކުގައި އިޝްތިހާރުކޮށްގެން ވިއްކަމުންދާ ކަމަށާއި، ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ގިނަ ބަޔަކު މި ތަކެތި ބޭނުންކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެމްއެފްޑީއޭ އިން އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްފައިވާ ބޭސްތަކެއް ނޫނެވެ. އަދި މިފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު ދެމުން އެމްއެފްޑީއޭ އިން ބުނީ، އޭގެ ތެރޭގައި ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
މި ބާވަތުގެ ބޭސްތަކަކީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހުއްދަ ނަގައިގެން ފާމަސީތަކުން ވިއްކޭނެ ތަކެތިކަން އެމްއެފްޑީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ. އަދި މިހާރު މާކެޓުގައި ހުއްދަ ނުނަގައި ވިއްކާ މިފަދަ ތަކެތި ހޯދައި ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެފްޑީއޭ އިން އިތުރަށް ބުނީ، ހުއްދަ ނެތި ބޭސް އެތެރެކޮށް، ވިއްކައި އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ