ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވެގެން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށެވެ. މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށް އެކުންފުނީގެ ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން، ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވުނު ނަމަވެސް، ހިޔާ 2 އަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތުގެ ތެރެއިން އެހެން ހުރިހާ ފްލެޓްތަކުންވެސް ވަގުތީ ގޮތުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ