4 މިލިއަން ރުފިޔާގެ ވައްކަން: ހައްޔަރު ކުރި މީހުންގެ ތެރޭގައި 10 އަހަރުގެ ހުކުމެއް އޮތް އާސިފް

ޖުމްލަ 4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، މީގެ ތިން އަހަރު ކުރިން 10 އަހަރުގެ ހުކުމެއް އިއްވާފައިވާ އިސްމާއިލް އާސިފް ހިމެނިއްޖެ އެވެ. އޭނާ އޭރު ހައްޔަރު ކުރީ، ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާދީ، މޫދަށް އެއްލާލި މައްސަލައެއްގަ އެވެ.
ވީ ކިހިނެއް؟ - މާލޭގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު ވާނީ އާންމުކޮށްފަ އެވެ. މީީގެ މަހެއް ކުރިން ކުރި މި ވައްކަމުގައި މިހާތަނަށް ހޯދިފައި ވަނީ 50،000ރ. އެވެ.
ތަފްސީލު - އިސްމާއިލް އާސިފް، 36، ދާރުލް އައްވަލް/ރ. މަޑުއްވަރިއަށް ކްރިމިނަލް ކޯޓުން 10 އަހަރުގެ ހުކުމެއް އިއްވީ ސެޕްޓެމްބަރު 2022ގަ އެވެ.
'ދައުރު'ން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:
ވަގަށް ނެގި 4 މިލިއަން ރުފިޔާއަކީ މަޑުއްވަރިއަށް ނިސްބަތްވާ، މާލޭގައި ގިނަ ފިހާރަތަކެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެއްގެ ފައިސާ
އެ ވިޔަފާރިވެރިޔާއަކީ އާސިފްއާ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް
އެ އެޕާޓްމަންޓަކީ އެ ވިޔަފާރިވެރިޔާ ދިރިއުޅޭ ތަން
"ފައިސާ ވަގަށް ނަގާފައި ވަނީ އެ ގޭގެ މީހުން އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް. އާސިފް ހުންނަނީ އެ ގޭގައި ބަހައްޓާފައި. އެ ގޭގެ މީހުން އޭނާ މާލެ ގެނައީ ވެސް،" މިކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
އާސިފްގެ 10 އަހަރުގެ ޖަލު ހުކުމް މާފް ކުރީ ކަމެއް ނުވަތަ އެ ހުކުމަށް އަމަލު ކުރުން މަޑުޖައްސާލައިވާ ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލި ފަހުން، މިދިޔަ އަހަރުގެ އެޕްރީލްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން:
އޭރު އޭނާ ހައްޔަރުކޮށްފައިވަނީ އެއްބަނޑުއެއްބަފާ ބޭބެއަށް ކަތިވަޅިއަކުން ހަމަލާދީގެން
ބޭބެ މައްސަލަ ދޫކޮށްލުމުން، ފަހުން އޭނާ އޭރު ދޫކޮށްލި
މީގެ ތިން އަހަރު ކުރިން އާސިފްއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ، 2019 ވަނަ އަހަރު ތެރޭ އއ. މާޅޮހު ބޭރުގައި އޮތް 'ޖަރީ' ދޯނީގެ ތެރޭގަ ހިންގި މާރާމާރީއަކާ ގުޅިގެންނެވެ.
އެ ދޯންޏަކީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ، ހަރުކަށި ފިކުރުގެ މީހުން ލަނޑާ ނަގަން ނުކުމެ އުޅޭ ދޯންޏެވެ. އެ ދޯނި ތެރޭގައި ހިންގި ޒުވާބެއްގެ ތެރެއިން އާސިފް ހަމަލާދީފައި ވަނީ އިސްމާއިލް ހައްމާދަށެވެ. އެގޮތުން:
ދެ މީހުން ދެމެދު ހިންގި ޒުވާބަކީ، ދީނީ ގޮތުން އުފެދުނު ދެބަސްވުމެއްގައި ކަމަށް ހައްމާދު އޭރު ތަހުގީގަށް ކިޔައިދީފައިވޭ
ހައްމާދަށް ހަމަލާ ދިނުމަށް ފަހު، އާސިފް އޭނާ މޫދަށް އެއްލާލި؛ ހައްމާދުގެ ފުރާނަ ސަލާމަތްވީ، ފަތާފައި ގޮސް މާޅޮހަށް އަރައި ސިއްހީ މަރުކަޒުން ފަރުވާ ހޯދުމުން
ހައްމާދުގެ ބޮލަށާއި ވައަތު ކޮލަށާއި ވައަތު ކަންފަތަށާއި ވައަތުގެ އަތްތިލައަށާއި އިނގިލިތަކަށާއި ތުންފަތަށާއި ބުރަކައްޓަށް ވެސް ވަޅިން ހަމަލާދީފައިވޭ
މި މައްސަލައިގައި އާސިފްގެ މައްޗަށް ދައުލަތުން ކުރީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ