4 މިލިއަނުގެ ވައްކަން: ހައްޔަރުކުރި މީހުންގެ ތެރޭގައި، 3 އަހަރު ކުރިން 10 އަހަރަށް ޖަލަށްލި އާސިފް

މިދިޔަ މަހުގެ ތެރޭގައި ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސްމާޢީލް ޢާޞިފަކީ، މީގެ ތިން އަހަރު ކުރިން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެއްކަން ހާމަވެއްޖެއެވެ. ފުލުހުން މިއަދު ވަނީ، ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގައިފައިވާ ކަމަށާއި އޭގެ ތެރެއިން ބައި ލައްކަ ރުފިޔާ މިހާތަނަށް ހޯދިފައިވާ ކަމަށް ބުނެފައެވެ. އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހެވެ. https://sun.mv/220515 ފުލުހުން ބުނީ އެ މައްސަލައިގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބިއިރު، އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ: ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާސިފަކީ، 2022 ވަނަ އަހަރު 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ. އެއީ، ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށް ވަޅިން ހަމަލަދީ މޫދަށް އެއްލާލި މައްސަލައިގައެވެ. https://sun.mv/168203 އެ މައްސަލައިގައި އާސިފްގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އާސިފް 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހެވެ. https://sun.mv/204287 އެހެންނަމަވެސް އެ ހުކުމް ތަންފީޒުކޮށް ނުނިމެނީސް އޭނާ ވަނީ މިނިވަންވެފައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ މާޗް މަހުގެ 31ގައި، މާރާމާރީއެއް ހިންގި މައްސަލައެއްގައި އާސިފް އަނެއްކާ ވެސް ހައްޔަރުކޮށްފައިވެއެވެ. އޭރު އެ ރަށުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރީ އާސިފް ކަމަށާއި އޭނާ ހަމަލާދިނީ އޭނާގެ ބޭބެއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ