ދެވަނަ ފިޔަވަހީގެ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވުނީ އަށް ގަޑިއިރު ފަހުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުގައި ކަރަންޓު ކެނޑުނުތާ އަށް ގަޑިއިރު ފަހުން، ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ 15:30ހާއިރެވެ. "ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ. ސްޓެލްކޯއިން 23:30ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ބީޗް ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް ކަރަންޓު ފޯރުކޮށްދެވިފައި ނުވާ ކަމަށާއި އެ ކަސްޓަމަރުންނަށް ވެސް އަލުން ޚިދުމަތް ދިނުމަށް ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. https://x.com/STELCOMALDIVES/status/2043397659831283984 "މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތައް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން. އަދި ދިމާވި އެ ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން އެ ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން މީގެ ކުރިން ބުނި ގޮތުގައި، ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދޭން އަޅައިފައިވާ މައި ކޭބަލަކަށް ގެއްލުންވުމުންނެވެ. އެ ކޭބަލަށް ގެއްލުންވީ، ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ. https://sun.mv/220522 ގިނަ އާއިލާތަކެއް ދިރިއުޅޭ ހިޔާ ޓަވަރުތަކަށް ހަވީރާއި ރޭގަނޑު ކަރަންޓު ނުލިބި ގިނައިރުވުމުން، ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްފައިވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި މިހާރު ވެސް އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން، ކޭބަލްތަކަށް ގެއްލުންވެ މީގެ ކުރިން ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ. ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ