އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދަނީ
ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދިނުމުގެ ގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް އެދި ކުރިމަތިލުމަށް ވަކި ކެޓަގަރީއެއް ހަދަން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ އާންމުކުރި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ވަކި ކެޓަގަރީއެއް ހަދާނެ ކަމަށެވެ. އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ގޯތި ގެދޮރު ހޯދުމުގެ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލާނަންރައީސް ޑރ. މުހައްމަދު މުއިއްޒު އޭގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުން އެ މީހުންނަށް ލިބިފައިވާ ގޯތި ދޫކުރަން އެއްބަސްވެއްޖެނަމަ، ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއެއް ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް އެ ބަދަލު އިއުލާންކުރެއްވިއިރު، ކައިވެނިކޮށްގެން ހުންނަ މީހާއަށް ބޯހިޔާވަހިކަން ލިބިފައިވާނަމަ، އެ މީހަކަށް ވަކިން ގޯއްޗެއް ނުވަތަ ފުލެޓެއް ނުލިބިދާނެތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދެ މީހުން ވަކިވާ ހާލަތެއްގައި އެކަކަށް ބޯހިޔާހިވަހިކަން ގެއްލޭކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމާއެކު: އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލޭގެ ބިމުން 15،000 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، އަންނަ އޭޕްރިލް މަހުގެ ނިޔަލަށް އެ ސަރަހައްދު ހިއްކައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލާފައެވެ. އެ ގޮތުން، ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައިވަނީ އަންނަ މާރިޗު މަހުގެ ހަތަރުވަނަ ދުވަހުގެރޭ 11:59ގެ ކުރިންނެވެ. އަދި ފުލެޓަށް އެދި ކުރިމަތިލެވެނީ އަންނަ އޭޕްރިލް މަހުގެ 17ވަނަ ދުވަހުގެރޭ 11:59ގެ ކުރިންނެވެ. މި ސަރުކާރުން ވަނީ 7،900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމައިފައެވެ. މިނިސްޓްރީން މިދިޔަ ޖަނަވަރީ 25ގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ސަރުކާރުގެ ސްކީމުގެ ދަށުން ފުލެޓަށް 1،160 މީހަކު ކުރިމަތިލައި ގޯއްޗަށް 456 މީހަކު ކުރިމަތިލިއެވެ. އަދި މިހާރުވެސް 7،605 މީހަކު ފޯމު ފުރަމުންދާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެފައިވެއެވެ. https://sun.mv/216827 ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ. އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް ފުލެޓު ދިނުމުގެ އުސޫލުގައި ހިމެނުމާއި އެހެން ބައެއް ބަދަލުތައް ވެސް ހިމެނެއެވެ. ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި މިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާނުކުރެއްވެވިއެވެ. ނަމަވެސް، އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ