9 ފަތުރުވެރިންނާއެކު ލޯންޗެއް ބަންޑުން ޖަހާލައިފި

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް, ކ.ގުޅީފަޅު ކައިރިއަށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި މީހުން މިއަދު ސަލާމަތް ކޮށްފިއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ. އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިއަދު ހެނދުނު 7:00 އިން މެންދުރު 13:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް, މެޓު އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ވަގުތުގައި ވައިގަދަވެ, އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން އޮތީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ