ދިވެހިރާއްޖޭގެ ރައްޔިތުން، އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށްއުޅުމަށާއި އެއްގަމާއި، ކަނޑާއި ވައިގެ މަގުން ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިއަދު ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުން، ރާއްޖެއިން ބޭރަށާއި އެތެރޭގެ އުދުހުންތައް އުދުހޭ އެއަރ ލައިންތަކާއި އުދުހޭ ރޫޓުތައް އިތުރުކުރުމާއި، ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމަކީ ކްލައިމެޓް އެޑަޕްޓޭޝަންގެ ބޭނުމަށްވެސް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްގެ ގޮތުގައި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ރިޔާސީ ބަޔާން ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ވައިގެ އުދުހުންތަކުގެ ދާއިރާ ތަރައްޤީކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ކުރެއްވި ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް އޮޕަރޭޓްކުރަމުންދާ އެއަރޕޯޓްތައް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއަރޕޯޓުތަކެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ތަރައްޤީކޮށް މިހާރު ބޭނުންކުރަން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން އިޢުލާންކޮށްފައިވާ އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯން ގުޅުވާލަދޭ އިންޓަރގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައިގެ ދަށުން، ފެބްރުވަރީ 1 އިން ފެށިގެން އައްޑު އަތޮޅު ގަމަށާއި، ފުވައްމުލައް ސިޓީއަށާއި ހުވަދުއަތޮޅަށް، ޓްވިން އޮޓަރ އެއަރކްރާފްޓް އޮން-ވީލްސް ގައި ދަތުރުތައް ފެށިފައިވާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށް، އަދި ޢާއްމުކޮށް ހުރިހާ ރައްޔިތުންނަށް ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން މި އަހަރު ޖެނުއަރީ 22ގައި ނ. ވެލިދުއަށް ދަތުރުތައް ފަށާފައިވާއިރު، އެހެން ސަރަޙައްދުތަކަށްވެސް މިކަން ތަޢާރަފުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ، ކަނޑުދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަތައް ހިއްސާކުރައްވާފައެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިނގާނެ ނިޒާމެއްކަން ކަށަވަރުވާން އޮތީ ދަތުރުފަތުރާ ގުޅުންހުރި އުމްރާނީ ތަރައްޤީގެ ކަންކަމަށްވެސް ސަމާލުކަން ދެވިގެންކަމުގައިވީ ހިނދު، މި މޭރުމުން ކުރެވޭ މަސައްކަތުގެ މައްޗަށްވެސް މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރުން ކުރިއަށްގެންދަވާފައިވާ އަދި މިހާރުވެސް ހިންގަވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އަދާހަމަ އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ރިޔާސީ ބަޔާނުގައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށްޓަކައި، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެނެވޭނެކަމުގައި ވިދާޅުވެފައެވެ. ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރެވިގެންދާއިރު، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގިނަ ރަށްތަކެއްގެ ރައްޔިތުން އެދިފައިވާ ގޮތަށް ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒަމާއެކު ވެލި މަގުތައްވެސް ހެދިގެންދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރިޔާސީ ބަޔާން 2026: ރައްޔިތުންގެ ދަތުރުފަތުރާއި ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރުމަށްޓަކައި، އެއްގަމާއި، ކަނޑާއި ވައިގެ ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ