ޖަޕާނާއި ކޮރެއާއިން ރާއްޖޭގެ މުސްކުޅި އާބާދީއަށް ފިލާވަޅެއް

އަލަށް އުފަންވާ ކުދިންގެ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް މަދުވެ، ރާއްޖެ މިހާރު މިސްރާބު ހިފާފައި ހުރީ މުސްކުޅި އާބާދީއަކާ ދިމާލަށެވެ. 
ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރި ރިޕޯޓު ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ 36-64 އަހަރާ ދެމެދުގެ މީހުންނެވެ. އުމުރުން ދުވަސްވީ ކަމަށް ބަލާ 65 އަހަރުން މަތީގެ މީހުންގެ އަދަދު ހުރީ 26،825 ގަ އެވެ. އެއީ މުޅި އާބާދީގެ ހަތް ޕަސެންޓެވެ. އަދި 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ އެވްރެޖު އުމުރު 50 އަށް އަރާނެ ކަމަށް އަންދާޒާކުރެ އެވެ. 
މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމުގެ ސިގްނަލެކެވެ. ދުވަސްވީ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ލިބޭ ގޮތަށް ނިޒާމުތައް ބައްޓަންކުރަންޖެހެ އެވެ. 
އުމުރުން ދުވަސްވީ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަޅާލުން ދިނުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ބޭއްވި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، ސައުތު ކޮރެއާގެ ސޯލް ޔުނިވާސިޓީގެ ޕްރެފަސަރު ސޫންމަން ކްވޮން ރާއްޖެ ވަޑައިގެން، "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ހެލްތީ އޭޖިން ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ، ދުވަސްވުމަކީ މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ.
އެކަން ފެށިގެން އަންނަނީ ކުއްޖާ އުފަންވާ ހިސާބުން ކަމަށާއި މަރު ދުވަހާ ޖެހެންދެން ވެސް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ގޮތަށް ކަންކަން ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 
ސޫންމަން ވިދާޅުވި ގޮތުގައި، ކަސްރަތުަނުކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކުއްލިއަކަށް ދިރިއުޅުން ބަދަލުވާއިރު އޮންނަނީ މާ ލަސްވެފަ އެވެ. ނަމަވެސް، އެންމެ ކުޑައިރުއްސުރެ އެ ރަނގަޅު އާދަތައް ހަރުލެއްވުމަކީ ކޮންމެހެން މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.  
އެކަން ހާސިލްކުރަން ރަނގަޅު އާބަން ނިޒާމެއް އޮންނަންޖެހޭ ކަމަށާއި ފަސޭހަ އަދި ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމަކާއި ފަސޭހައިން ހިނގޭނެ ގޮތަށް މަގުތައް ވެސް ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 
ނަމަވެސް، ވެރިރަށުން ސޫންމަން އަށް ފެނުނީ އޭގެ އިދިކޮޅު މަންޒަރެވެ.
"މާލެއިން ފާހަގަވީ ކާރާއި ސައިކަލު މާ ގިނަ. ވަރަށް ކުދި މަގުތައް މި ހުންނަނީ. އަހަންނަކީ ވެސް ދުވަސްވެފައި ހުރި މީހެއް، އަހަންނަށް ވެސް މި ތަނުގައި ހިނގަން އުނދަގޫވި. އޭގެ މާނައަކީ އުމުރުން ދުވަސްވީ މީހުންނަށް މާ އުނދަގޫވާނެއޭ މި ތަނުގައި ހިނގަން،" ސޫންމަން ވިދާޅުވި އެވެ.
"މިއީ ހެލްތީ އޭޖިން އަށް ރަނގަޅު މާހައުލެއް ނޫން. އެހެންވީމަ، ކޮންމެ މީހަކު ވެސް އެ މީހަކު އަމިއްލައަށް ކުރެވޭ ކަމެއް ކުރަންވީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން،" ސޯލް ޔުނިވާސިޓީގެ ޕްރެފެސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުޅަހެޔޮ ވެއްޓަކީ ސިޔާސަތުތަކުގެ އިތުރުން މީހާ އަމިއްލައަށް އުޅެގެން ހޯދާ ދިރިއުޅުމެއް ކަމަށެވެ. ހެލްތު ކެއާ ސިސްޓަމް ރަނގަޅުކޮށް، ރަލާއި ދުންފަތުގެ ޓެކްސް ބޮޑުކުރުމަކީ އެ މީހުންގެ ދިރިއުޅުން ބަދަލުކުރުމަށް ސިޔާސަތުގެ ތެރެއިން އެހީ ދިނުމަށް ކުރެވިދާނެ ކަމެއްކަމަށް ސޫންމަން ފާހަގަކުރެއްވި އެވެ. 
މުޅި ދުނިޔޭގައި ވެސް ޒުވާނުންނަށް ވުރެ އުމުރުން ދުވަސްވީ މީހުންނަށް ޑިޕްރެޝަންގެ މައްސަލަ ބޮޑުކަމަށް ދިރާސާތަކުން ދައްކާއިރު، އެ ހާލަތު ގޯސްވެ، ހަނދާން ނެތޭ ބަލި، ޑިމެންޝިއާ ކުރިމަތިވުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ކޮރެއާގައި ނަފްސާނީ މައްސަލަތަކަށް ދޭ ސަމާލުކަން ބޮޑު ކަމަށް ސޫންމަން ވިދާޅުވި އެވެ. 
ދެކުނު ކޮރެއާގެ އާބާދީ މިހާރު ހުރީ 51.6 މިލިއަނުގަ އެވެ. އޭގެ ތެރެއިން 21 ޕަސެންޓު ހިއްސާކުރަނީ 65 އަހަރުން މަތީގެ މީހުންނެވެ. އެއީ 10.84 މިލިއަން މީހުންނެވެ. އެހެންވެ، އެ ގައުމުގެ ސިޔާސަތުތައް ބައްޓަންކޮށްފައި އޮންނަނީ ވެސް އެ އާބާދީއަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ލިބޭ ގޮތަށެވެ. 
އޭގެ ތެރެއިން، އާބާދީގެ އެންމެންނަށް ލިބޭ ގޮތަށް ޔުނިވާސަލް ހެލްތު އިންޝުއަރެންސް ނިޒާމެއް ހިންގަ އެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވާ މީހުންނަށް ލޯންގު ޓާމް ކެއާ އިންޝުއަރެންސް ނިޒާމެއް ވަކިން ހިންގަ އެވެ. އެ ހުރިހާ އިންޝުއަރެންސް ސިސްޓަމެއް ހިންގަނީ ވެސް ސަރުކާރުގެ ބަޖެޓާއެކު އާއްމުންގެ އަތުން ފައިސާގެ ވަކި ވަރެއް ނަގައިގެންނެވެ. 
ސޫންމަން ވިދާޅުވީ ރަނގަޅަށް ހިނގައި ތެދުވެ ނޫޅެވޭ މީހުންނަށް، އެކަންކަމުގައި އެހީތެރިވުމަކީ އެލްޑަލީ ކެއާގައި ކުރެވޭނެ ކަމެކެވެ. އޭރަށް އެ ކެއާ ވޯކަރުންނަށް ފައިސާ ދޭނީ ކެއާ އިންޝުއަރެންސުންނެވެ.
 
ރާއްޖޭގެ އާބާދީ މުސްކުޅިވަމުންދާއިރު، އެ މީހުންގެ އަޅާލުމަށް ސިޔާސަތުތަކެއް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ އިންޝުއަރެންސް މުހިއްމު ކަމަށާއި އަޅާލުން ބޭނުންވާއިރު ހަމައެކަނި ހެލްތު އިންޝުއަރެންސަށް ބަރޯސާވެގެން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ގައުމުތަކުގައި ކެއާ ވޯކަރުންނަށް ވަކި ހުއްދައެއް އޮވޭ. ތަމްރީނާއި ސެޓްފިކެޓު ހޯދައިގެން ކެއާ ވޯކަރުން ގޮތުގައި މަސައްކަތްކުރަނީ. ބައެއް ތަންތަނުގައި އުމުރުން ދުވަސްވުމުން ބަރޯސާވަނީ އާއިލާގެ އެހީއަށް. އެކަމަކު، އެ އާއިލާ މީހުންނަކީ ވެސް އާމްދަނީ ހޯދަން މަސައްކަތްކުރަންޖެހޭ ބައެއް. އެހެންވެ، އެ އާއިލާތަކުން ބަލަނީ ކެއާގެ އެހީ."
"އެކަމަކު، އެ ކެއާ އަގުބޮޑުވާނެ. އިންޝުއަރެންސް ތައާރަފްކުރީ އެހެންވެގެން،" 1995 ވަނަ އަހަރުން ފެށިގެން ޔުނިވާސިޓީގައި ހެލްތު އިކޮނޮމިކް ކިޔަވައިދެމުން އަންނަ ތަޖުރިބާކާރު ވިދާޅުވި އެވެ.
ޖަޕާނުގެ އާބާދީގެ 122.4 މިލިއަން މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް އުޅެނީ 29.4 ޕަސެންޓުގަ އެވެ. ދުނިޔެއަށް ވެސް ޖަޕާނު މަޝްހޫރުވެފައި އޮންނަނީ އުމުރުން ދުވަސްވީ އާބާދީ ބޮޑުވިއަސް ރަނގަޅު ސިއްހަތު ތިބޭ ބައެއްގެ ގޮތުގަ އެވެ.
ނާރުގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް އަދި މިހާރު ޖަޕާނުގެ ހެލްތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ޑރ. ކެންޓަރޯ ހޮރިބެ ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ މީހުން ރަނގަޅު ސިއްހަތެއްގައި ތިބެނީ އެގޮތަށް ތިބެން ވަރުގަދަ އަޒުމެއް އޮތުމުން ކަމަށެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ތަފާތު ކަންކަން ކުރުމަކީ އާއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްރަތުކުރުމާއި ކަމެއް ތަޖުރިބާކުރުން ނުވަތަ ކަމެއް އެވޮއިޑުކުރުން ނުވަތަ ރަނގަޅު ސިއްހަތެއްގައި ހުންނަން ތަފާތު ކަންކަން ތަޖުރިބާކުރުމަކީ ވެސް ކަމެއް. މީހާގެ މައިންސެޓަކީ އެންމެ ފުރަތަމަ ހިމެނޭ ކަންތައް. ދެ ވަނައިގައި ހިމެނެނީ، ގަބޫލުކުރެވެނީ ކާ އެއްޗެހީގެ ސަބަބުން ކަމަށް،" ކެންޓަރޯ ވިދާޅުވި އެވެ.
"ތިން ވަނަ ކަމަކީ ޔުނިވާސަލް ކެއާ ކަވަރޭޖު."
ކެންޓަރޯ ވިދާޅުވީ ހެލްތު ކަވަރޭޖަށް ޒުވާނުން 30 ޕަސެންޓު ކޮންޓްރިބިއުޓުކުރާ ކަމަށެވެ. އަދި 60 އަހަރުން މަތީގެ މީހުން 10-20 ޕަސެންޓު ދައްކަނީ އެ މީހުންނަށް ލިބޭ އާމްދަނީއަށް ބަލައިފަ އެވެ.
އަގުބޮޑު ބޭހެއް ގަންނަން ޖެހޭނަމަ، ކޯ-ޕޭމަންޓަށް ވުރެ ބޮޑު ނަމަ، އިންޝުއަރެންސުން ބާކީ ދައްކައިދޭނެ އެވެ. 
އޭނާ ވިދާޅުވީ ޖަޕާނުގެ ކެއުންތައް ކުޑަކޮށް ލޮނު ގަދަކޮށް ކަމަށާއި އެހެން ނޫނީ ހުރިހާ ކަމެއް ބެލެންސު ކަމަށެވެ. ލޮނު ގަދަވުމުގެ ސަބަބުން ޖަޕާނުގައި ވެސް ސްޓްރޯކްގެ މައްސަލަ ބޮޑުވި އެވެ. އެކަމަކު، އެ ހާލަތު ދަށްވެފައިވާ ކަމަށް ކެންޓަރޯ ވިދާޅުވި އެވެ. އެހެން ނޫނީ، އިތުރު މައްސަލައެއް ނެތެވެ. 
މީގެ ދެ އަހަރު ކުރީގެ ނަމްބަރުތަކަށް ބަލާއިރު ޖަޕާނުގެ ފިރިހެނުންގެ ލައިފް އެކްސްޕެކްޓެންސީއަކީ 81.90 އުމުރެވެ. އަންހެނުން 87.13 އެވެ. 
ދެކުނު ކޮރެއާއެކޭ އެއްގޮތަށް ޖަޕާނުގައި ވެސް އެންމެ ބޮޑު މައްސަލައަކީ ޑިމެންޝިއާ އެވެ.
ކެންޓަރޯ ވިދާޅުވި ގޮތުގައި 65 އަހަރުން މަތީގެ ކޮންމެ ހަތް މީހުންގެ ތެރެއިން އެކަކަކީ ޑިމެންޝިއާ ހުންނަ މީހެކެވެ. އަދި 85 އަހަރުން މަތީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު އެ ހާލަތު ހުންނައިރު،  90 އަހަރުން މަތީގެ ކޮންމެ ދެ މީހުންގެ ތެރެއިން އެކަކު ޑިމެންޝިއާ ހުރެ އެވެ.
އެހެންވެ، ޖަޕާނުގައި ޑިމެންޝިއާއަކީ އާއްމުކޮށް ވާހަކަދެކެވޭ މައުޟޫއަކަށް ވެގެންދިޔަ އެވެ. 
"ގައުމީ ފެންވަރުގައި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގާ. ޑިމެންޝިއާ ސްޓިގްމަޓައިޒްކުރުމުން އެކަމާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށް، 2005 ވަނަ އަހަރު ޕްރޮގްރާމްތައް ފަށައި މީހުން ހޭލުންތެރިކުރުވަން ފެށި،" ކެންޓަރޯ ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ އޭގެ އެންމެ ކާމިޔާބީ ޑިމެންޝިއާ ސަޕޯޓަށް 90 މިނެޓަށް ހިންގާ ހަރަކާތް ކަމަށެވެ. އެ ހަރަކާތް ކާމިޔާބުކުރުމުން އަތުގައި އަޅަން އޮރެންޖު ކުލައިގެ ބޭންޑެއް ލިބޭނެ އެވެ. އެއިން ރަމްޒުކޮށްދެނީ ޑިމެންޝިއާއަށް ހޭލުންތެރިވެފައިވާ ކަމަށާއި އެހީތެރިވާން ތައްޔާރަށް ހުރި ކަމަށެވެ.
"ފުރަތަމަ އަމާޒުކުރީ އެއް މިލިއަން މީހުންނަށް. އެކަމަކު، މިހާރު 60 މިލިއަން ހުރަސްކޮށްފި." އޭނާ ވިދާޅުވި އެވެ. 
ކެންޓަރޯ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތްދޭއިރު ހާއްސަކޮށް އެ ބޭންޑު އަޅާނެ ކަމަށެވެ. އަދި ބޭންޑު ނާޅައިފި ނަމަ އެކަމާ މެދު ސުވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ނޭނގޭ މީހަަކު ވެސް ބޭންޑުގެ ވާހަކަ އަހައިފި ނަމަ، އެ މައުޟޫ ފެށުނީ،" ޖަޕާނުގެ އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދޭ ސެންޓަރުގެ ހެޑް އޮފް ކޯޕަރޭޝަން ސިސްޓަމް މެނޭޖްމަންޓުގެ ހެޑް ވިދާޅުވި އެވެ. 
އުމުރުން ދުވަސްވީ އާބާދީއާ އެކު، އެ މީހުންނަށް އެހީ ލިބޭ ގޮތަށް ޖަޕާނުގައި ވެސް 2،000 ވަނަ އަހަރުން ފެށިގެން ލޯންގް ޓާމް ކެއާ ހެލްތު އިންޝުއަރެންސް ހިންގަ އެވެ. އޭގެ އެއް ބައި ސަރުކާރުން އަދި އަނެއް ބައި ދައްކަނީ އާއްމުންނެވެ. އޭގެ އިތުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ކޮމިއުނިޓީ އެންގޭޖްމަންޓް ހަބުތަކާއި ސެންޓަރުތައް ހަދާފައިވެ އެވެ. 
ދުވަސްވީ އާބާދީ ބޮޑުވުމާ އެކު ދިމާވާ ބޮޑު ގޮންޖެހުމަކީ ހަރަދު ބޮޑުވުމެވެ. އަދި މަސައްކަތުގައި ޝޯޓޭޖު އުޅުމަކީ ވެސް ދިމާވާ އަނެއް ދައްޗެވެ. 
"ކެއާވޯކަރުންގެ މުސާރަ ކުޑަ. އަދި އާއިލާ މީހުން ބަލަން ވަޒީފާއިން ވަކިވެގެން ވެސް އުޅޭ. އާމްދަނީ ހޯދަން އެއްވެސް ކަމެއް ނުކޮށްފިނަމަ ބޮޑު ގެއްލުންތަކެއް ލިބޭނެ. އާއިލާތައް ރޫޅި އަދި އާ އިކޮނޮމީއެއް އުފައްދަން ގޮންޖެހުން އަންނާނެ،" ކެންޓަރޯ ވިދާޅުވި އެވެ.
"މީހަކަށް ފިޒިކަލް ގެއްލުމެއް ވެއްޖެ ނަމަ ފަސޭހައިން އެނގޭނެ. އެކަމަކު، ޑިމެންޝިއާ ނަމަ ދެނެގަންނަން އުނދަގޫވެ. ޑިމެންޝިއާ ހުރި ކިތަންމެ ބަޔަކު އަހަރެމެންގެ ތެރޭގައި އެބަ އުޅޭ. އެކަމަކު، އަހަރެމެންނަށް އެކަމެއް ނަގައެއް ނުގަނެވޭ އެ މީހުންގެ ފަރާތުން ތަފާތު ކަމެއް ނުފެންނަ ހިނދަކު،"
ކެންޓަރޯ ވިދާޅުވީ މި ފަދަ މައްސަލަތަކަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އުޅޭ ނަމަ މޭޒުތަކުގައި މި މައުޟޫއަށް ވާހަކަދެކެވޭނެ ކަމަށެވެ. 
"މި ކަހަލަ އާއްމު މައްސަލަތަކަކީ ކޮންމެ މީހެއްގެ މައްސަލައަކަށް ހެދުން ވަރަށް މުހިންމު. އާއްމުކޮށް ފެންނަނީ އެ ދާއިރާގެ ތަޖުރިބާކާރުން އެ ކަންކަމާ މެދު ކަންބޮޑުވެގެން އުޅެނީ. އާއްމުންގެ ފަރާތުން އެ ކަންބޮޑުވުމެއް ނުފެނޭ."
"ވިސްނަންވީ އެއީ ވެސް ތިމަންނައާ ގުޅޭ މައްސަލައެކޭ. ތިމަންނަގެ މަންމަ އަދި ތިމަންނަގެ ދަރިންނާ ވެސް ގުޅޭ މައްސަލައެކޭ. އޭރުން މަޝްވަރާތައް ކުރިއަށްދާނީ."
ކެންޓަރޯ ވިދާޅުވީ ޖަޕާނެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މީހުންގެ އުޅުން ބަދަލުކުރަން ޕޮޓެންޝަލް އެބަހުރި ކަމަށެވެ. މާލޭގެ ތޮއްޖެހުން ބޮޑު ޓްރެފިކާއި މަގުތައް ހުރި ނަމަވެސް ހިތްހެޔޮ ބަޔަކު އުޅޭ މި ގައުމުގައި ދުވަސްވީ މީހުންނަށް ހަމަޖެހިލައިގެން އުޅެވޭނެ ކަމަށް އޭނާ ފާހަގަކުރި އެވެ. އެއާއެކު، އެ މީހުންނަށް ފަސޭހަވާނެ ގޮތަށް ޖަޕާނާއި ކޮރެއާއިން ދިވެހިން ދަސްކުރަންވީ ފިލާވަޅުތައް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ