ދިޔާނާ ސަފީރަކަށް އައްޔަން ކުރަން ކޮމިޓީގެ ރުހުން

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމް ސަފީރުގެ މަގާމަށް ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރުހުން ދީފިއެވެ. ދިޔާނާ ސަފީރަޖަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މަޖިލީހަށް ސިޓީއެއް ފޮނުއްވީ މި މަހުގެ 7 ގަ އެވެ. އެ ދުވަހު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވި އެވެ.ކޮމިޓީ މަރުހަލާގައި ދިޔާނާގެ ދިރާސާކުރުމަށް ފަހު ކޮމިޓީގެ މެންބަރުން ނިންމެވީ އޭނަ އަކީ މަގާމަށް ގާބިލު ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ ދިޔާނާ އީޔޫ އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.ދިޔާނާ އަކީ ކުރިން އެޓާނީ ޖެނެރަލްކަމާއި ޖެންޑާ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސަފީރުގެ މަގާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ