ރިޔާސީ ބަޔާން 2026: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، 3 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީއަކީ ޚާއްޞަ ލުއިތަކަކާއެކު އިންވެސްޓް ކުރެވޭނެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، 3 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީއަކީ ޚާއްޞަ ލުއިތަކަކާއެކު އިންވެސްޓް ކުރެވޭނެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.އެމަނިކުފާނު މިކަން އިއުލާންކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވާ ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ގިނަ ލުއިތަކާއެކު ކުދި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލަން ސަރުކާރުން ނިންމަވާފައިވާކަން އެމަނިކުފާނު މިއަދު ހާމަކުރެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ 2027 ޖެނުއަރީ 1 އިން ފެށިގެން 3 އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
މިކަން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ، އިދާރީ އަދި ފަންނީ ގޮތުން މަގުފަހިކޮށްދޭންޖެހޭ ކަންކަން މިއަހަރު ތެރޭގައި ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ސިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރާ، އެތައް ވަޒީފާއެއް އުފެދި، އައްޑު އަތޮޅަށް، އަދި މުޅި ދިވެހި ރާއްޖެއަށް، އިޤްތިޞާދީގޮތުން ގިނަގުނަ ފައިދާ ތައް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ދިވެހި ރާއްޖޭގެ އައި.ޓީ.ހަބް ގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް، އެމަނިކުފާނު ވަނީ ދަޢުވަތު ދެއްވާފައެވެ.
މިއަހަރަކީ ރާއްޖޭގެ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ، ދިވެހި ކޮންމެ ރައްޔިތަކީ އަމިއްލަ މަސައްކަތުން ނަތީޖާ ނެރޭ، ޤައުމުގެ ކުރިއެރުމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތަކަށް ހެދުން ކަމަށާއި އަދި، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ