ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުތަކުން ޖާގަ ނުލިބުނު 240 ކުއްޖަކަށް، އެކުދިން ބޭނުންވި ދާއިރާތަކުން އެހެން ވަޒީފާތައް ހަމަޖައްސާދީފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުނެރެވޭ ޒުވާނުންނަށް ފުރުސަތެއް ދިނުމުގެ އިތުރުން ސަލާމަތީ ބާރުތައް ކުރިއެރުމަށް ކޮންމެ އަހަރަކު ސިފައިންގެ 1،000 މީހުން ރެކްރޫޓް ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'ދިވެހި ވަތަނީ ހިދުމަތު'ގެ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ މޭ މަސްތެެރޭގަ އެވެ.
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގައި 350 ދަރިވަރުން ބައިވެރިވި އިރު ޕްރޮގްރާމު ފުރިހަމަކޮށް 344 ދަރިވަރުން މިދިޔަ ޑިސެމްބަރުގައި ދަސްވެނިވެފައިވެ އެވެ. އެ ބައިވެރިންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ހޮވިފައިވަނީ 65 ކުއްޖެކެވެ. އޭގެތެރޭގައި ހިމެނެނީ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ބުނީ ކީކޭ؟ - ރައީސް މުއިއްޒު މިއަދު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، އެ ހިދުމަތުގެ ފަންނީ ތަމްރީނުތައް، ބ. ކިހާދޫ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި މިދިޔަ މަހުގެ 15ގައި އެކަމަށް ހޮވުނު 65 ކުއްޖަކު ފަށާފައިވާ ކަމަށެވެ.
ދަސްވެނިވި ކުދިންގެ ތެރެއިން އެ ތަމްރީންތަކަށް ނުހޮވޭ 278 ކުދިން ހިމެނެ އެވެ. ރައީސް ވިދާޅުވީ އޭގެ ތެެރެއިން 240 ކުއްޖަކަށް، އެ ކުދިން ވަޒީފާ އަދާކުރަން ޝައުގުވެރިކަން ފާޅުކުރި ތަންތަނުން ވަޒީފާތައް ހަމަޖައްސަދީފައިވާ ކަމަށެވެ. ބާކީ 38 ކުއްޖަކު ބޭނުންވީ، ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރަން ކަމަށްވާތީ، އެ ފުރުސަތުދިނުމަށް ދޫކޮށްލާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ވަޒީފާ ހަމަޖައްސައިދިނީ:
171 ކުދިން އެމްއެންޑީއެފްގެ ވަޒީފާއަށް
7 ކުދިން އެމްޑީއެފްގެ ފަޔާމަނުންގެ ވަޒީފާއަށް
32 ކުދިން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް
23 ކުދިން ފުލުހުންގެ ވަޒީފާއަށް
5 ކުދިން އިމިގްރޭޝަންގެ ވަޒީފާއަށް
3 ކުދިން އެމްއޭސީއެލްގެ ވަޒީފާއަށް
މި ހިދުމަތުގެ ދެވަނަ ބެޗުގެ ތަމްރީނުތައް 350 ބައިވެރިއަކު މިހާރު ފުރިހަމަކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ، މިއަހަރުތެރޭ އިތުރު 1000 ޒުވާނުންނަށް އެ ހިދުމަތުގެ ތަމްރީނުތައް ދިނުން ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ހިންގާ ޕްރޮގްރާމެކެވެ.
ރައީސް އޭރު ވިދާޅުވި ގޮތުން:
އެ ޕްރޮގްރާމުގައި ބައިވެރިވެގެން އަސްކަރީ ތަމްރީނު ހޯދަން ޖެހޭނެ
ތަމްރީން ހޯދައިގެން ޕްރޮގްރާމު ނިންމާ މީހުން ސިފައިންގެ ނުވަތަ ފުލުހުންގެ އޮފިސަރަކަށް ބަދަލުވާނެ
މީގެ ނަތީޖާއަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ސަލާމަތީ ބާރުތަކަށް ގާތްގަނޑަކަށް 5000އެއްހާ އޮފިސަރުން އިތުރުވުން
ވަތަނީ ހިދުމަތަށް ނުހޮވުނު ކުދިން ބޭނުންވި ތަންތަނުން އެހެން ވަޒީފާތައް ހަމަޖައްސައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ