ދުވުމަށް ވުރެ ހަކުރު ބައްޔަށް ރަނގަޅީ ބުރަ ކަސްރަތު ދުވުމަށް ވުރެ ހަކުރު ބައްޔަށް ރަނގަޅީ ބުރަ ކަސްރަތު

ހަށިގަނޑުގައި ހުންނަ ކެލޮރީތައް އަންދައިލުމަށް އެންމެ ފަސޭހަ ގޮތަކީ ދުވުން ކަމަށް އޮންނަނީ މަޝްހޫރުވެފައެވެ. އެހެން ނަމަވެސް، ހަށިގަނޑު އާދަޔާ ހިލާފަށް ފަލަ މީހުންނަށާއި ޓައިޕް ދޭއްގެ ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ބޭނުން ނަމަ، ކުރަން އެންމެ ރަނގަޅު ކަމަކީ، ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދޭ ޒާތުގެ ކަސްރަތު ކުރުން ކަމަށް، ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ޖާނަލް އޮފް ސްޕޯޓް އެންޑް ހެލްތު ސައިންސްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ސައެންސްވެރިން ލެބޯޓެރީގައި މި ދިރާސާ ކުރީ، ވަރަށް މަތީ މިންވަރަކަށް ސަރުބީ އެކުލެވޭ ކާނާއެއް މީދާތަކަކަށް ކާންދީގެންނެވެ. މިއީ އާންމު ގޮތެއްގައި ފަލަވުމާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމާއި ޓައިޕް ދޭއްގެ ހަކުރު ބައްޔާ ގުޅިގެން އިންސުލިންއަށް ނުގުޑާ ގޮތް ދިމާވާ މީހުންނާ ގުޅޭ ގޮތުން ހަދާ ދިރާސާތަކުގައި ބޭނުންކުރާ ކާނާއެކެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި މި ކާނާ ކާންދިނުމުން މީދާތަކުގެ ހަށިގަނޑުގައި ސަރުބީ ޖަހައެވެ. އެއަށް ފަހު އެ މީދާތައް ލައްވައި ދުއްވައި، ބަރު އުފުލުން ފަދަ ކަސްރަތު ކުރުވުމުން، އެސޮރުމެންގެ ލޭގައި އިތުރުވެފައި ހުރި ގުލްކޯޒް ނުވަތަ ހަކުރު ނެތިގެންދެއެވެ. އެހެން ނަމަވެސް، ހަންގަނޑުގެ ދަށުގައި ޖަހާފައި ހުންނަ ސަރުބީ (subcutaneous fat) އާއި އެތެރެ ހަށީގެ ގުނަވަންތަކުގެ ވަށައިގެން ޖަހާފައި ހުންނަ ސަރުބީ (visceral fat) ވިރުވައިލުމުގައި އެންމެ އަވަސް ނަތީޖާއެއް ފެންނަނީ، ބަރު އުފުލުން ފަދަ ބުރަ ކަސްރަތުތަކުންނެވެ.
މީގެ އިތުރުން ހަށިގަނޑުން ހަކުރު ތަހައްމަލު ކުރާ މިންވަރަށާއި އިންސުލީންގެ މަސައްކަތަށް ވެސް ހެޔޮ ބަދަލުތަކެއް އެންމެ އަވަހަށް އަންނަނީ، ބަރު ކަސްރަތުތައް ކުރުމުންނެވެ. މީގެ މާނައަކީ ދުވުމުން ހަށިގަނޑަށް ފައިދާތަކެއް ނުކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް، ހަކުރު ބަލީގެ ނުރައްކާ ބޮޑު މީހުންނާއި، ހަށިގަނޑު ފަލަވުމުގެ ނުރައްކާ ބޮޑު މީހުންނަށް، ދުވުމަށް ވުރެ ފައިދާ ބޮޑީ، ބަރު އުފުލުން ފަދަ، ހަށިގަނޑުގެ މަސްތަކަށް ބުރަކަން އިހުސާސްކޮށްދޭ ކަސްރަތުތަކެވެ.
ހަށިގަނޑަށް އެތެރެވާ ކާނާއިން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަކަތަ އުފެއްދުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ހޭނުން ވަރަށް މުހިންމެވެ. ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހަކު ވެސް ގަވާއިދުން ކަސްރަތުކޮށް ދުވުމަކީ ނުވަތަ ފެތުމަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް، ވަކި ކަހަލަ ހާލަތްތަކަކާ ގުޅިގެން ދުވުމުގެ ބަދަލުގައި ހުއްޓިހުރެ، މަސްތަކަށް ލޮޑުކަން ލިބޭ ޒާތުގެ ކަސްރަތުތައް ކުރުން ވެސް މުހިންމެވެ.
އަޅުގަނޑުމެންގެ ކެއުމުގެ ވައްޓަފާޅިއަށާއި ކާ ތަކެއްޗަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ހަށިގަނޑު ފަލަވުމާއި ހަކުރުބަލީގެ ނުރައްކަލާ ކުރިމަތިވުމެވެ. ކެއުމުގައި ބޭނުންކުރާ ތަކެތީގައި އެކުލެވޭ ސަރުބީ އެކުލެވޭ މާއްދާތަކާއި ހަކުރު ގިނައިން އެކުލެވޭ ކާނާގެ ސަބަބުން، ހަށިގަނޑުގައި ޖަހާ ސަރުބީ އާއި ހަށިގަނޑުގައި ގުދަންކުރެވޭ ހަކުރުގެ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
އެ ބާވަތްތައް އިތުރުވާ މިންވަރާ އަޅައި ބަލާއިރު، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅޭ ކަމަށްވަންޏާ، ހަކުރު ބައްޔާއި ހަށިގަނޑު ފަލަވުމާއި، ލޭ މައްޗަށް ދިޔުމާއި، ކޮލެސްޓެރޯލްގެ މައްސަތައް ކުރިމަތިވާނެއެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އެމީހެއްގެ ސިއްހީ ހާލަތު ވަޒަންކޮށް، އެމީހަކާ އެންމެ ގުޅޭ ކަސްރަތެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ސައެންސްވެރިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ