ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ދިން މެހެމާންދާރީއާއި އިންތިޒާމުތައް ރަނގަޅުކަން ފާހަގަކޮށް ސްރީލަންކާއިން ޝުކުރު އަދާކޮށްފިއެވެ.
ސްރީލަންކާގެ ޒުވާން ޤައުމީ ޓީމާއެކު ރާއްޖެއައި ގަތަރުގެ އަހްމަދު އަލް މަންނާއީ ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، ހޮޓަލުގެ އިންތިޒާމުތަކާއި ދަނޑުގެ އިންތިޒާމުތަކާއި މެދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
މަންނާއީ ބުނީ މުޅި މުބާރާތާއި ގުޅޭ ގޮތުން އެއްޗެއް ބުނާނަމަ، އޭނާ ފާހަގަކުރާނީ ސާފުން މެޗުތައް ރާވާފައިއޮތް ގޮތް ކަމަށެވެ. އެގޮތުން އަވަސް އަވަހަށް މެޗުތައް ކުޅެންޖެހުން އެއީ ކުޅުންތެރިންނަށް ދިމާވި އުނދަގުލެއް ކަމަށެވެ.
"މެޗަކަށްފަހު މެޗެއް ކުޅުން ކުޅުންތެރިންނަށް އެހާ ފަސޭހައެއް ނޫން، އެކަމަކު ކޮންމެ ދެ މެޗެއްގެ ތޭރެއިން ދެދުވަހުގެ ގެޕެއް އަންނަ ގޮތަށް ރޭވިނަމަ ފަސޭހަވީސް" މަންނާއީ ބުންޏެވެ.
މަންނާއީ ބުނީ ކުރިޔަށްއޮތް ތަނުގައި ސާފުން މިފަދަ ކަންކަމަށް ވިސްނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ސްރީލަންކާގެ 20 އަހަރުން ދަށުގެ ޓީމާ ގުޅޭ ގޮތުން މަންނާއީ ބުނީ މި ޓީމަށް އައު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.
މިފަހަރު ޓީމު އެކުލަވާލަން ލިބުނު ވަގުތު މަދުވުމުން އެންމެ މޮޅު ކުޅުންތެރިން ހޯދަން އުނދަގޫވީ ކަމަށް މަންނާއީ ފާހަގަކުރިއެވެ.
"އަހަރުމެންނަށް ލިބުނު ވަގުތުކޮޅު ކުޑަވީމަ އެވާ ވަގުތެއް ނުލިބުނު ގިނަ އަދަދެއްގެ ކުޅުންތެރިން ހޯދައިގެން ސިލެކްޝަން ހަދާކަށް. އެކަމަކު ކުރިޔަށް ހުރި މުބާރާތްތަކަށް މިއަށްވުރެ ރަނގަޅު ކުޅުންތެރިން ހޯދާނަން" މަންނާއީ ބުންޏެވެ.
ލަންކާގެ 20 އަހަރުން ދަށުގެ ޓީމުން ދެން ތައްޔާރުވާނި އޭޝިއާ މުބާރާތަށް ކަމަށާއި، އެ މުބާރާތުގައިި މިއަށްވުރެ ރަނގަޅުވާނެ ކަމަށްވެސް މަންނާއި ބުންޏެވެ.
ދެން އޮންނަ ސާފް ޗެމްޕިއަންޝިޕެއްގައި 20 އަހަރުން ދަށުގެ ޓީމުން މިއަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް ބެލެވޭ ކަމަށް މަންނާއީ ބުންޏެވެ.
ލަންކާއިން މުބާރާތް ނިންމާލީ ކުޅުނު ދެމެޗުން ބަލިވެ އެއްމެޗު ކާމިޔާބުކޮށް ގުރޫޕުގެ ތިން ވަނައިގައެވެ.
މުބާރާތަށްފަހު މަންނާއީ ދިޔައީ ގަތަރަށެވެ. އޭނާ އެނބުރި ސްރީލަންކާއަށް ދިއުމަށްފަހު ހަވާލުވާނީ އެޤައުމުގެ އަންހެން ޓީމާއި ކަމަށް ލަންކާ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެއެވެ.
މަންނާއީގެ ތަޖުރިބާ އާއި ޓެކްނިކަލް އިރުޝާދުތައް ލަންކާގެ އަންހެން އަދި ފިރިހެން ޤައުމީ ޓީމަށްވެސް ލިބޭނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި ޓީމުތައް ކުރިއަރުވަން އޭނާ އާއިއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށްވެސް އެޤައުމުގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖޭގެ އިންތިޒާމުތައް ފުރިހަމަ: ލަންކާ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ