"ސައިންސްގެ ޢަލީގައި ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަކީ އެންމެ ބޮޑު އަމާޒު"

ޢިލްމީ ހޯދުންތަކުގެ ޢަލީގައި ބަލި މީހުންނަށް ދޭ ފަރުވާގެ ފެންވަރު މަތިކޮށް ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަކީ، އެންމެ ބޮޑު މަޤްޞަދު ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެންް ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިއާރު ޢަމާޒުކޮށްފައިވަނީ ޢިލްމީ ހޯދުންތަކާއި ހެކިތަކުގެ ޢަލީގައި އެންމެހާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކަމަށެވެ. އެ އަމާޒަށް ވާޞިލްވުމަށްޓަކައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ހޮސްޕިޓަލުތަކުން މިހާރުވެސް ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޢިލްމީ ހޯދުންތަކުގެ ޢަލީގައި ބަލި މީހުންނަށް ދޭ ފަރުވާގެ ފެންވަރު މަތިކޮށް ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަކީ، އެންމެ ބޮޑު މަޤްޞަދު ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ގައިން ގަޔަށް ނާރާ ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގެ ޚިދުމަތްތައް ފުޅާކޮށް، ވެކްސިން ޖެހުމާއި އާންމު ސިއްޙަތަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މާލެސިޓީގެ އެކި އަވަށްތަކަށް ޚާއްސަ ކޮށްގެން އަރބަން ޕްރައިމަރީ ހެލްތު ކެއަރ ޚިދުމަތް ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށް ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.
ސީއީއޯ ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި އިތުރު ސެންޓަރުތައް ހުޅުވުމަށް ތައްޔަރުވަމުންދާ ކަމަށެވެ. އަދި ޒަމާނީ ވަޞީލަތްތަކާއި، ޑިޖިޓަލް ނިޒާމްތަކުގެ އެހީގައި ބަލި ދެނެގަތުމުގެ ކަންކަން ހަރުދަނާކޮށް މުވައްޒަފުން ތަމްރީން ކުރުމަށްވެސް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ