ޓްރަމްޕްގެ އިންޒާރެއް: "އީރާންގެ މުޅި ހަޟާރާތް މިރޭ ނެތިކޮށްލާނަން!"

ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވާ ސުންގަޑި ކައިރިވަމުން އަންނަނިކޮށް، އޭނާ އަނެއްކާވެސް އީރާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އޭނާގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައި ވަނީ އީރާންގެ "މުޅި ހަޟާރާތެއް މިރޭ ނެތިގެންދާނެ، އަދި ދުވަހަކުވެސް އެނބުރި ނާންނާނެ،" މިހެންނެވެ.
އޭނާ އިތުރަށް ބުނީ "އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން، އެކަމަކު ބޮޑަށް ބެލެވެނީ އެހެން ވާނެ ކަމަށް. ނަމަވެސް، މިހާރު އަހަރެމެންނަށް މުޅި ނިޒާމު އެއްކޮށް ބަދަލުކުރެވި، ތަފާތު، މާ ބުއްދިވެރި، އަދި ހަރުކަށިކަން ކުޑަ ވިސްނުންތަކެއް ވެރިކަމަށް އިސްވެއްޖެނަމަ، ފަހަރުގައި އިންގިލާބީ އުފާވެރި ކަމެއް ފެނިދާނެ،" މިހެންނެވެ.
ޓްރަމްޕް ބުނި ގޮތުގައި މިރޭ އީރާނަށް "ނިމުން އަންނާނެއެވެ." "ކާކަށް އެނގޭނީ؟ ދުނިޔޭގެ ދިގު އަދި އޮޅުންބޮޅުން ބޮޑު ތާރީޚުގައި އަންނާނެ އެންމެ މުހިންމު އެއް ވަގުތު މިރޭ އަހަރެމެންނަށް އެނގޭނެ. 47 އަހަރުގެ ފޭރުމާއި، ކޮރަޕްޝަނާއި، މަރުގެ ސިލްސިލާ އަށް ނިމުން އަންނާނެ." ޓްރަމްޕް ލިޔެފައި ވެއެވެ.
އީރާނުގެ "މުޅި ހަޟާރަތް" ފޮހެލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ދިން އިންޒާރުން ދޭހަވަނީ އޭނާ "މާ ބޮޑަށް ރުޅިގަދަވެ، ގޮތް ހުސްވަމުންދާކަން" ކަމަށް ތެހެރާން ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސްގެ އެސިސްޓަންޓް ޕްރޮފެސަރ ހަސަން އަހްމަދިއާން އަލްޖަޒީރާއަށް ވިދާޅުވިއެވެ.
"ދުވަހުން ދުވަހަކު އޭނާގެ ރާގު ދަނީ ހަރުކަށިވަމުން، މީގެން އަހަންނަށް ދޭހަވަނީ އޭނާ އުޅެނީ މައްސަލަތަކެއްގެ ތެރޭގައި ކަން،" އަހްމަދިއާން ވިދާޅުވިއެވެ. "ޓްރަމްޕް ބޭނުންވަނީ އޭނާގެ އިންޒާރުތަކަކީ ސީރިއަސް އެއްޗެއްގެ ގޮތުގައި އީރާނުން ބަލައިގަނެ، އެމީހުންގެ ނިންމުން ބަދަލުކުރުވަން މަޖުބޫރުކުރުވަން." އަހްމަދިއާން ވިދާޅުވިއެވެ.
ލެކްޗަރަރ އިތުރަށް ވިދާޅުވީ، ޓްރަމްޕަށް އޭނާގެ އިންޒާރު އެގޮތަށް ފުރިހަމަ ނުކުރެވުނު ނަމަވެސް، އީރާނަށް ބޮޑެތި ހަމަލާތަކެއް ދެވިދާނެ ކަމަށާއި، އޭގެ ރައްދު ހަމަ އެފަދަ ގޮތަކަށް އީރާނުން ވެސް ދޭނެ ކަމަށެވެ.
"މިއީ މި ހަނގުރާމަ ފެށުނީއްސުރެ އުފެދިފައިވާ ބޮޑު އޮޅުންބޮޅުމެއް، އަދި ޓްރަމްޕް ބޭނުންވާ އެއްވެސް މަގްސަދެއް ހާސިލުނުވެ މިކަން މިދަނީ ކުރިއަށް،" އަހްމަދިއާން ވިދާޅުވިއެވެ.
އަލްޖަޒީރާ އިން ބުނާ ގޮތުގައި މިއީ ޓްރަމްޕްގެ މިންގަނޑުން ބެލިޔަސް، މަސްލަހަތު އެންމެ ބޮޑަށް ގޯސްކުރާނެ ފަދަ ވާހަކަތަކެކެވެ. މިއީ އާދައިގެ ހަމަލާއެއްގެ އިންޒާރަށްވުރެ މާ ނުރައްކާތެރި ބަހުރުވައެކެވެ. މިއީ މުޅި ހަޟާރާތަކަށް ދީފައިވާ، ވުޖޫދު ފޮހެލުމުގެ އިންޒާރެކެވެ.
އަލްޖަޒީރާއިން ބުނާ ގޮތުގައި އީރާނުގެ ބޮޑުމިނާއި ވަރުގަދަކަން ދަންނަ މީހުންނަށް އެނގޭނެ ގޮތުގައި، އެފަދަ ލަނޑުދަނޑިއެއް ހާސިލުކުރުމަށްޓަކައި އާދަޔާ ހިލާފު ގިނަ ހަތިޔާރު ބޭނުންވާނެއެވެ.
އަލްޖަޒީރާއިން ބުނިގޮތުގައި އިންޖީނުގެތަކާއި، ފާލަންތަކާއި، ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ ކަމަށް ވިދާޅުވިތާ އެއްދުވަސް ފަހުން، ޓްރަމްޕް މިވަނީ އިންޒާރުގެ މިންވަރު މަތިކޮށްފައެވެ. މިހާރު އޭނާ މިވަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ ބަދަލުގައި، މުޅި ގައުމުގެ ވުޖޫދަށް ނުރައްކާވާ ފަދަ އިންޒާރަކަށް ބަދަލުކޮށްފައެވެ.
އަލްޖަޒީރާއިން ބުނާގޮތުގައި މިއީ ހީވާގޮތުން އެމެރިކާގެ ރައީސް އޭނާގެ ޒިންމާއިން ބަރީއަވެ، އޭނާގެ އަތްފައި ބަނދެވިފައިވާ ކަމަށް ދެއްކުމަށް ކުރައްވާ ކަމެކެވެ. ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ޓްރަމްޕް ދީފައިވާ ގަޑި ހަމަވާނީ އެމެރިކާ އިރުމަތީގެ ގަޑިން ރޭގަނޑު 8:00 [00:00 ޖީއެމްޓީ) ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ