ފްލައިޓްތަކުގެ "ސީޓް އޮކިއުޕެންސީ" ވަރަށް ބޮޑަށް އިތުރުވެއްޖެ

ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދު ދަށްވެ، "ސީޓް އޮކިއުޕެންސީ" އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވި ނަމަވެސް، ނިމިދިޔަ މާރިޗު މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވެފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އާއި ސީޓް އޮކިއުޕެންސީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދުވެސް މިހާރު 20 އިން 16އަށް ދަށްވެފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް ދަތުރުކުރި އެއާލައިންތަކުގެ ސީޓް އޮކިއުޕެންސީ ހުރީ 65 އިންސައްތައިގައެވެ. އެހެންނަމަވެސް، މިއަހަރުގެ މާރިޗު މަހު މި އަދަދު ވަނީ 70 އިންސައްތައަށް އުފުލިފައެވެ. މިއީ ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާރިޗު މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރި ބައެއް ބޮޑެތި އެއާލައިންތަކުގެ އޮކިއުޕެންސީއަށް ބަލާއިރު، އެއިރޯފްލޮޓް ގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ މާރިޗު މަހު 80 އިންސައްތައިގައި ހުރިއިރު، މިއަހަރު އެ އަދަދު ވަނީ 95 އިންސައްތައަށް އުފުލިފައެވެ. މީގެ އިތުރުން ވާޖިން އެޓްލާންޓިކް 84 އިންސައްތައިން 94 އިންސައްތައަށް، އަދި ޓާކިޝް އެއާލައިންސް 77 އިންސައްތައިން 92 އިންސައްތައަށް ވަނީ އިތުރުވެފައެވެ.
ސަރަހައްދީ އެއާލައިންތަކަށް ބަލާއިރު، ސްރީލަންކަން އެއާލައިންސް ގެ އޮކިއުޕެންސީ 55 އިންސައްތައިން 79 އިންސައްތައަށް ވަނީ ކުރިއަރާފައެވެ. އަދި ސިންގަޕޯ އެއާލައިންސް ގެ އޮކިއުޕެންސީ 64 އިންސައްތައިން 78 އިންސައްތައަށް ވަނީ އިތުރުވެފައެވެ. މި ހިސާބުތަކުން ދައްކައިދެނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ ދިމާލަކުންވެސް ފްލައިޓްތައް ފުރިގެން އަންނަ ކަންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ، އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް އަންނަ އެއާލައިންތައް މަދުވި ނަމަވެސް، ކޮންމެވެސް ގޮތަކުން އެހެން އެއާލައިންތަކުންވެސް ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން އެބަތިބި ކަމަށެވެ. އަދި މިއީ ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތައް ގިނަކަމާއި، މިހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ޑިމާންޑް ދަށްނުވާކަން ހާމަވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ