އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވަކިކޮށްފި

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުން ފެކްޝަންތަކުގެ މެދުގައި ކޯޅުން ބޮޑުވެފައިވަނިކޮށް، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު މިއަދު ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ސޮއިކުރައްވައި އިބްރާހިމް ވަހީދަށް ފޮނުއްވި ސިޓީގައި، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ.
ނަމަވެސް، އެ ސިޓީގައި ވިދާޅުވެފައިވަނީ ޗެއާޕާސަންގެ ނައިބު މަގާމުން ވަކިކުރުމުގައި ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ނުވާތީ، ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ އޭނާ މަގާމުން ވަކިކުރެއްވީ ކަމަށެވެ.
ތަފްސީލް - އިބްރާހިމް ވަހީދުގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މައުރޫފް ވަކިކުރި ސިޓީގައި ވެސް އެކަމުގެ ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ.
އެނގުން މުހިންމު - މި ނިންމުންތައް އައިސްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއާ ގުޅިގެން ޕާޓީގެ ލީޑަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ.
ހާއްސަކޮށް، އެ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމި ކަމަށް ބުނާ މައްސަލައިގައި ޕާޓީގެ ތެރޭގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.
ރޭގެ ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުން ހިތްހަމަނުޖެހިގެން ގަފޫރުގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. އަދި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ތިލަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ