ކަރަންޓާއި ގޭހުގެ އަގުބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ވަޒީރުން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގުތަކަށް ބަދަލު އަންނަމުން ދިޔަނަމަވެސް އެ ބާވަތްތަކުގެ އަގުތައް ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.
މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ކަރަންޓް އަދި ގޭހުގެ އަގުބޮޑުވެދާނެތޯ ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރުންގެ ޚާއްސަ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަމާބެހޭ ދާއިރާތަކުގެ ވަޒީރުން ވަނީ ކަރަންޓާއި ގޭހުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމާފައިނުވާކަމަށް ވިދާޅުވެފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އަންނަމުންދިޔަ ނަމަވެސް ގޭބިސީތަކަށް ދެމުން އަންނަ ކަރަންޓްގެ އަގު ބޮޑުކުރަން ވިސްނާފައި ނުވާކަމަށެވެ. ތާރިގް ވިދާޅުވީ، ގޭބިސީތަކުގެ ކަރަންޓް ޓެޜިފް ރޭޓަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ވާހަކަ ދެކެވެމުން ނުދާކަމަށެވެ. ގޭބިސީތަކަށް ކަނޑައަޅާފައިވާ ޓެރިފަކީ، ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ދެމުން އަންނަ ރޭޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
 ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ޑީސަލް ފެނަކައާއި ސްޓެލްކޯއަށް ފޯރުކޮށްދެނީ، ވަރަށް ބޮޑު ސަބްސިޑީ ރޭޓެއްގައި. އަޅުގަނޑުމެން އަދި އެއްވެސް ގޮތަކަށް ކަރަންޓް ޓެރިފް ބަދަލު ގެނައުމުގެ އެއްވެސް ކަހަލަ ޑިސްކަޝަނެއް ހިންގާފައެއް ނޯންނާނެ
ވަޒީރު ތޯރިގް
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ގޭސް އަގުބޮޑުވުމުން އެކަމާ ގުޅޭ ފަރާތްތަކާއެކު މިހާރުވެސް މަސްވަރާތައް ކުރިއަށްދާކަމަށެވެ. އެގޮތުން ކައްކާ ގޭހުގެ ޝިޕްމަންޓެއް މިރޭވެސް ލިބޭނޭކަން ފާހަގަކުރއްވަމުން ވަޒީރު ވިދާޅުވީ، ގޭހުގެ އަގުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އަގުބޮޑު ނުވާގޮތެއްގައި އިންތިޒާމުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އެސްޓީއޯއާއެކު ބައްދަލުވުންތައް ބާއްވަމުން ދާކަމަށެވެ. 
ބާޒާރުގައި ގޭހުގެ އަގު ބޮޑުވިނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަކަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަގު ބޮޑުވާކަށް އަޅުގަނޑުމެން ފުރުސަތެއް، ހަމަ ކިރިޔާވެސް ފުރުސަތެއް އޮތްއްޔާ އެކަމަކަށް ފުރުސަތެއް ނުދޭނަން
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވިދާޅުވެ، 164 ބާވަތެއްގެ މުދަލުގެ ސަޕްލައިގެ ކަންކަން ހާއްސަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ. ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް އެކި ފަރާތްތަކާއެކު މިހާރުވެސް ކަމާގުޅުންހުރި މުއާމަލާތްތައް ކުރަމުން އަންނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރަމުންގެންދާ މަސައްކަތްތައް ކާމިޔާބުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ