ތެޔޮ މަސް ދަޅުގެ އަގު ބޮޑު ކުރީ ސަރުކާރަށް އެންގުމަކާ ނުލައި: ސައީދު
އިއްޔެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރީ، ސަރުކާރަށް އެންގުމެއް ނެތި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިފްކޯއިން އިއްޔެ ވަނީ، ތެޔޮ މަސްދަޅުގެ އަގު 17.50 އިން 18.50ރ. އަށް، އަދި ތެޔޮ މަސްދަޅު ކޭހެއް 800ރ. އަށް ބޮޑުކޮށްފައެވެ. ނަމަވެސް ރޭ އަނެއްކާ އެ ނިންމުން ބަދަލުކޮށް، ކުރިން ތެޔޮ މަސްދަޅެއް ވިއްކި އަގަށް ވިއްކަން ނިންމައިފައިވާކަން އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ. މިފްކޯއިން ބުނީ ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. ފަހުން މަސްދަޅުގެ އަގު ހެޔޮ ކުރުމަށް ފަހު އެ ކުންފުނިން ބުނީ، އެއީ ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށްފައި ނިންމި ނިންމުމެއް ކަމަށެވެ. https://sun.mv/220227 މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށް ފަހު ސަރުކާރުން ތަކެތީގެ އަގުތައް ބޮޑުކުރާނެ ކަމުގެ ތުހުމަތުތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ދުވަހު ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވެއެވެ. އެ އިންތިޚާބުތަކުން ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިނިސްޓަރު ސައީދު: މަސްދަޅުގެ އަގު ބޮޑު ކުރީ ސަރުކާރަށް އެންގުމަކާ ނުލައި ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް އެ އިންތިޚާބުތަކަށް ފަހު ތަކެތީގެ އަގު ބޮޑުކުރަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅުވައި ސައީދު މިއަދު ވިދާޅުވީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން އެފަދަ ކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އިއްޔެ މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރުމަކީ، އެ ވާހަކަތަކަށް ބާރު ލިބިދާނެ ކަމެއްކަން ސައީދު ފާހަގަކުރެއްވިއެވެ. "މިފްކޯއިން [އިއްޔެ] މަސްދަޅުގެ އަގަށް ބަދަލެއް ގެނެސްފި. އެކަމަކު، އެއީކީ ސަރުކާރުގެ، މި ސިސްޓަމް ތެރޭގެ އެއްވެސް ފަރާތަކަށް އެނގިގެން ވެފައި އޮތް ކަމެއް ނޫން، އެހެންވީމަ އެ ހާލަތު ބަދަލުވެއްޖެ ނޫންތޯ؟" ސައީދު ވިދާޅުވިއެވެ. އެހެންކަމުން، އަސާސީ ކާބޯތަކެތީގެ އަގު ބޮޑުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިފްކޯގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމައިފައެވެ. މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް މުއިއްޒު މީގެ ކުރިން ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރާއި ކުރީ ސަރުކާރުތަކުގައި ވެސް، މިފްކޯގެ ލީޑާޝިޕަށް ސަރުކާރުގެ ނުފޫޒުން މުވައްޒަފުން އައްޔަންކޮށް، ސަރުކާރުގެ މަސްލަހަތު އޮންނަ ގޮތަށް ގޮތް ނިންމުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ