ރާއްޖޭގެ ބްރޯޑްބޭންޑް ކުންފުނީގެ ސަރަހައްދީ އެވޯޑް ދިރާގަށް

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.
ތަފްސީލް - މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް %100 ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމަށް ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ދިން އެވޯޑެކެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް %100 4ޖީ ހިދުމަތް ދިރާގުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ އިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީއަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ އާބާދީގެ %73އަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ލިބެ އެވެ.
ބުނީ ކީކޭ؟ - ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، މިއީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކާއި ހިތްވަރެކެވެ.
"މިއަދު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަނެޓްގެ ދޮރު ވަނީ ހުޅުވިފައި. އެހެންކަމުން، މިއީ ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި ފަހުރުވެރި ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.
"މި ފުރުސަތުގައި، އަޅުގަނޑުމެންގެ ހިދުމަތްތައް އިހްތިޔާރުކޮށް، ކުރައްވާ އިތުބާރަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން."
ގުޅުންހުރި - ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް' އެވޯޑު ވެސް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ