އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދު މީކާއީލަށް

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްކަން އިއުލާނުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ ހަރުގޭގައި މިއަދު "އިތުބާރު" ކެމްޕޭންގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މީކާއީލާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުން ފައްޓަވަމުން މީކާއީލް ދެއްކެވި ވާހަކައިގައި ފާއިތުވެ ދިޔަ ތަނުގައި އެމްޑީޕީ ވަރަށް ހާލުގައި އޮތް ދަނޑިވަޅު އެ ޕާޓީއަށް އެންމެ ބުރަ މަސައްކަތެއް ކޮށްދިން އެއް ގުނަނަކީ މަޖިލިސް މެންބަރުންކަން ފާހަގަކުރެއްވިއެވެ. އަދި، މީގެ ދެ މަހެއްހާ ދުވަސް ކުރިއްސުރެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އޭނާ ހޮވުމަށް މަސައްކަތްކުރައްވާތީ އެ ކަމަށް ޝުކުރުއަދާކުރެއްވިއެވެ. މީކާއީލް ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭނުގައި ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން 100 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި ޝުއޫރު ވަރަށް ބޮޑަށް ޕާލަމެންޓްރީ ގްރޫޕަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިޚާބުކޮށްދިނުމަށް މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ އާންމު މެންބަރުންގެ ކިބައިން ވެސް މީކާއިލް ވާނީ އެދިވަޑައިގެންފައެވެ. "ނިމިދިއަ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭނުގައި ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން 100 އަށްވުރެ ގިނަ ރަށަށް ދަތުރު ކުރި. އެހެންކަމާއެކު ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލާއި ޝުއޫރު ވަރަށް ބޮޑަށް ޕާލަމެންޓްރީ ގްރޫޕަށް އެނގޭ،" މީކާއިލް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މީކާއީލަކީ ޔޫތު ވިންގް ރައީސެއްގެ ގޮތުގައި ހުންނެވި އިރުން ފެށިގެން ޕާޓީއަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. "މަޖިލީހުގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރުގައި މަޖިލިސް މެންބަރުންގެ ގޮތުގައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި. އެ މަސައްކަތްތަކުގެ އެންމެ ބޮޑު އެއް ބައިވެރިއެއް އެމްޕީ މީކާއީލް އަކީ،" ނާޒިލް ވިދާޅުވިއެވެ. https://sun.mv/221101 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވަނީ މީކާއީލަށް ތާއީދުކުރައްވާ ވަކިވަކިން ވާހަކަދައްކަވާފައެވެ. މެންބަރުން ފާހަގަކުރެއްވި ގޮތުގައި މީކާއީލަކީ އެމްޑީޕީ އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސްވެރިޔަކަށް އިންތިޚާބުކުރުމަށް އެންމެ އެކަށޭނަ އަދި އެންމެ "އިތުބާރު" ކުރެވޭ ކެންޑިޑޭޓެވެ. މެމްބަރު މީކާއިލާ އެކު ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަލްހާން ފަހުމީއެވެ. ނަޝީދުގެ ފެކްޝަނުން ވެސް ވަނީ "ބޮޑި ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ވަނީ އިއުލާނުކުރައްވައިފައެވެ. "ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ