ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ ދިވެއްސަކު ޖަލަށްލައިފި
ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހަކު، ޖަލަށްލާން ހުކުމްކޮށްފިއެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގައި، މިދިޔަ ޑިސެމްބަރު މަހު ހިނގި މި ހާދިސާއަކީ، ދިވެހި ފިރިހެނަކު، އޭނާގެ އެއްބަނޑު ބޭބެގެ އަންހެނުން، ނުވަތަ އޭނާގެ ފަހަރި، ގޭ ބަދިގޭގައި އުޅެނިކޮށް، ބަރަހަނާކޮށް ހުރެގެން ފަހަރި ކައިރިއަށް ދިޔަ މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތުގައި، ދައުވާ ލިބުނު މީހާވަނީ އިއުތިރާފުވެފައެވެ. މި މައްސަލައިގެ ޝަރީއަތުގައި، ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ކުރިއަށް ގެންގޮސްފައިވައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން "ބޭއަދަބީ އަމަލު ހިންގުން" މީގެ ތެރޭގައި ހިމެނެއެވެ. އާންމު ތަނެއްގައި ނުވަތަ އާންމުންނަށް ފެންނާނެ ފަދަ ގޮތަކަށް ޖިންސީ ގުނަވަން ހާމަކުރުމަކީ މި މާއްދާގެ ދަށުން މަނާކަމެކެވެ. ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމި ރިޕޯޓުގައި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ލިޔުއްވާފައިވާ ގޮތުގައި ޖުނަހް އެކެއް ދަރަޖައިގެ މި ކުށް އިއުތިރާފުން ސާބިތުވުމުން އަދަބުވަނީ ލުއިކޮށްދީފައެވެ. މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ހަތަރު މަހާއި 24 ދުވަސް ކަނޑައަޅާފައި އޮތްނަމަވެސް، ކުށަށް އިއުތިރާފުވުމުން އަދަބުވަނީ އެއް ދަރަޖަ ލުއިކޮށްދީފައެވެ. އެއީ، ތިން މަހާއި 18 ދުވަހަށް ބަންދު ކުރުމަށެވެ. މި މައްސަލައިގައި ތިން މަހާއި 18 ދުވަހަށް ހުކުމް ކުރިނަމަވެސް، ހާދިސާގެ ތަހުގީގަށް ދައުވާ ލިބުނު މީހާ ދެ މަސް ދުވަހު ބަންދުކޮށްފައި ހުރުމުން އެ މުއްދަތު އަދަބުން އުނިކުރާނެއެވެ. އެހެންކަމުން މި މައްސަލައިގައި ދެން އެ މީހާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ހޯމަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ