މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކްލަބް ޓީނޭޖްގެ މައްޗަށް ހޯދި މޮޅާއެކު ލޮރެންޒޯ ސްޕޯޓްސް ކުލަބުން އެ ގުރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ލޮރެންޒޯ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލޮރެންޒޯއަށް ވަނީ ދެވަނަ ޑިވިޝަނުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިން ގޭމެއް ކުޅުނީ ލޮރެންޒޯއިންނެވެ.
މެޗުގައި ލޮރެންޒޯގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ހަނާނެވެ. 20 ވަނަ މިނެޓުގައި ހަނާން ޖެހި މި ލަނޑާއެކު ލޮރެންޒޯއިން ލީޑު ނެގިއިރު އޭގެ އަށް މިނެޓުފަހުން ހަނާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލޮރެންޒޯގެ ލީޑު ފުޅާކޮށްދީފައެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ލޮރެންޒޯއިން ދެވަނަ ހާފު ފެށިއިރު މި ހާފު ފަސައިގެން 10 މިނެޓުގެ ތެރޭގައި އެ ޓީމުން ތިންވަނަ ލަނޑެއް ކާމިޔާބުކުރިއެވެ. މިއީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އާދަމް ނުޒެއިރު އޭރިއާ ތެރޭގައި ހުރެފައި މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން، ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖުމެއިލް ޖަމީލް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ޓީނޭޖުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އަނަސް އިބްރާޙީމް އައްބާސް އެވެ. މިއީ ލިބުނު ހިލޭޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެން ލޮރެންޒޯ އޮތްއިރު، މެޗުން ބަލިވި ޓީނޭޖް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ. ކުޅުނު ތިން މެޗުން ވެސް ޓީނޭޖް ވީ ބައްޔެވެ.
މުބާރާތުގައި ލޮރެންޒޯއަށް ދެން ކުރިއަށް އޮތީ ހުކުރު ދުވަހުގެރޭ ޔުނައިޓެޑް ހެންވޭރިއަންސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ޓީނޭޖަށް ދެން އޮތީ ބުރާސްފަތި ދުވަހުގެރޭ ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ޓީނޭޖް ބަލިކޮށް ލޮރެންޒޯ އެއްވަނައިގައި ހަމަޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ