ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކުރާ އެއްވެސް މީހަކު ނެތް ކަމަށާއި ކުރަން ޖެހޭ ކަމަކީ އެ ނުކުރާ ތާއީދު ވަޒީފާއަށް ވެސް ބެލުމެއް ނެތި ވޯޓަށް ބަދަލުކުރުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރެއްގެ މަގާމުގައި މިހާރު ހުންނެވި ސޯލިހު މިހެން ވިދާޅުވީ އައްޑޫއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓުންގެ މެނިފެސްޓޯ އިއުލާންކުރުމަށް ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ސޯލިހު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހަރަދު ކުޑަކުރުމުގެ ނިޔަތެއް މި ސަރުކާރުގައި ނެތް ކަމަށެވެ.
ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުން އެކި ރަށްރަށުގައި ސިޔާސީ ވަޒީފާ ބަހަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެ ގޮތުން ދެ ރަށެއް މިސާލެއްގެ ގޮތުން ފާހަގަކުރެއްވި އެވެ. އެއީ:
ކުނި މެނޭޖު ކުރުމަށް ކަމަށް ބުނެ ކ. މާފުށީގައި 50އަށްވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައިވޭ، އެކަމަކު ކުންޏެއްގައި އަތްލާނެ މުވައްޒަފަކު އަދި ނެތް
ހދ. ކުޅުދުއްފުށީގެ ފުޓުބޯޅަ ދަނޑު ބަލަހައްޓަން އެންމެ މަސައްކަތު މީހަކު ހުރެފައި އެ މީހާގެ މައްޗަށް ހަތަރު ސުޕަވައިޒަރަކާއި 14 ޕޮލިޓިކަލް ޑިރެކްޓަރުން ތިބޭ
ސޯލިހު ވިދާޅުވީ ސަރުކާރުން މި ވަރަށް ވަޒީފާ ބަހަމުން ދަނީ ރައީސް މުއިއްޒަށް އެއްވެސް ވަރަކަށް ތާއީދު ނެތުމުން ކަމަށެވެ.
"ހަމަ ގައިމު ވެސް މި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މި ރާއްޖެއަކު ތާއީދެއް ނެތް. އަޅުގަނޑަށް ނުފެނޭ ސަތޭކަައަކުން އެކަކު ވެސް މި ސަރުކާރުން މި ހިންގާ ސިޔާސަތުތަކަށް ތާއީދުކުރާ ތަނެއް،" ސޯލިހު ވިދާޅުވި އެވެ.
ސަރުކާރުން ވަޒީފާ ބަހަމުން ދިޔަ ނަމަވެސް އަދި ވަޒީފާ ލިބުނު ކަމަށްވީ ނަމަވެސް ސަރުކާރަށް ނުކުރާ ތާއީދު ވޯޓަށް ބަދަލުކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުން އެ ކަން ދައްކައިދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖެހޭނީ އެ ކަން ވޯޓަށް ބަދަލުކުރަން. މި ބޭފުޅުންގެ އޮތީ ހަމައެކަނި ވަޒީފާއާއި ރިޝްވަތު ދިނުން. އެކަމަށް އަޅުގަނޑުމެން ނޫނެކޭ ބުނަންވީ. ނޫނެކޭ ބުނެ، އިރާދަކުރެއްވިއްޔާ މި އިންތިހާބު ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުކުރާނެ،" ސޯލިހު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް މި ރާއްޖެއަކު އެއްވެސް ތާއީދެއް ނެތް، ވަޒީފާއަށް ނުބަލާ އެ ކަން ވޯޓަށް ބަދަލުކޮށްދީ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ