ނޭޕާލާއި އެއްވަރުވެ، ރާއްޖެއަށް މުބާރާތް ނިމިއްޖެ

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕު ސްޓޭޖުގައި ފަހު މެޗުގައި ނޭޕާލާއި، އެއްވަރުވެ ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި، 2000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ޓީމުން ފެނިގެންދިޔައީ ވަރަށް ރޭވުންތެރިކަމާއެކު، ވަކި ސިސްޓަމެއްގެ ތެރެއިން ކުރިއަށް ޖެހި ހަމަލާތައް އުފައްދަމުންދިޔަ ޓީމެއްގެ ގޮތުގައެވެ.
އެޓޭކިން ވިސްނުމެއްގައި މި މެޗު ރާއްޖެއިން ފެށިއިރު، ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ނާޝިއު އަޙްމަދު ޝިހާމް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގައި ރާއްޖެއިން ލަނޑުޖަހައި ލީޑުނެގީ 15 ވަނަ މިނެޓުގައެވެ.
ރާއްޖޭގެ ހާފު ތެރޭގައި ހުރެފައި އީތަން އިބްރާޙީމް ޒަކީ، މަތިމަތިން ފޮނުވާލި ތުރޫ ޕާހަކުން ތަނަވަސްވި ރަނުގެ ފުރުސަތެއްގައި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިލާން އިމްރާނެވެ.
މި ހާފުގައި ރާއްޖެއަށް ލަނޑުޖަހަން އިތުރު ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. އެހެންނަމަވެސް އިތުރު ލަނޑެއް ފެނިގެން ނުދެއެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ 20 ވަރަކަށް މިނެޓުގައި ވަރުގަދަކޮށް ކުޅުނީ ނޭޕާލުންނެވެ. ރާއްޖެ ޓީމުން ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅުނު ނަމަވެސް، މަޑުމަޑުން ކުރިއަށް ޖެހި ހަމަލާތަކެއް އުފައްދަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ޙާއްސަ ގޮތެއްގައި ރާއްޖޭގެ ކެޕްޓަން އަދި މެޗުގައި ލަނޑުޖެހި އިލާންގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެއެވެ. އެގޮތުން ދެވަނަ ހާފުގައި ކުޅެން އެރި އަޔާން އާމިރު ނަގައިދިން ހުރަހެއްގައި އިލާން ބޮލުން ގޯލާ ދިމާލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، ނޭޕާލުގެ ކީޕަރު ބަހާދުރު ޕަރިޔާރު ވަނީ މި ބޯޅަ ދިފާއުކޮށްފައެވެ.
މެޗުގައި ނޭޕާލުން ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ސުބާޝް ބަމް ހުރަސްކޮށްދިން ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ނިޝާން ރާޖް ލަވަތުއެވެ.
މި ނަތީޖާއާއެކު ރާއްޖެއަށް މުބާރާތް ނިމުނީ، ކުޅުނު ތިން މެޗުން، ދެ ޕޮއިންޓު ލިބުމުންނެވެ. ރާއްޖެއާ ދެކޮޅަށް ނުކުތް ނޭޕާލަށް ޖުމްލަ ހަތް ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ސްރީ ލަންކާއަށް ތިން ޕޮއިންޓު ލިބިފައިވެއެވެ. ތާވަލުގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އޮތް ބޫޓާނެވެ.
މި ގުރޫޕުގެ ފަހު މެޗުގައި މިރޭ ބޫޓާނާއި ސްރީ ލަންކާ ބައްދަލުކުރާނެއެވެ.
އެ މެޗު އެއްވަރުކޮށްލައިގެން ވެސް އަދި މޮޅުވެގެން ވެސް ސްރީލަންކާއަށް ސެމީ ޔަގީންވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ