ނަތީޖާ ނުނެރެވުނަސް, ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚުރުވެރިވަން

10 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަަށް އުންމީދުކުރި ނަތީޖާ ނުނެރެވުނަސް، އެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާކަމަށް ޤައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްޓަވާން އުރުބާނީ ބުނެފިއެވެ.
އުރުބާނީ މިހެން ބުނީ، ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި، ނޭޕާލާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.
ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ވަނީ މުބާރާތުގައި ކުޅުންތެރިން ދެއްކި ހިތްވަރާއި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކޯޗު ފާހަގަކުރި ގޮތުގައި މިއީ ކުޅުންތެރިން ދަސްކޮށް، ފެންވަރު ދައްކާލުމަށް އިމްތިޙާނު ކުރެވުނު މުބާރާތެއްކަމަށެވެ. އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، ނަތީޖާ ނެރުމަށް ދަތިވި ނަމަވެސް، ކުޅުންތެރިން ވަނީ މި އިމްތިޙާނުން ފާސްވެފައިކަމަށް އޭނާ ބުންޏެވެ.
"މިއަދުގެ މެޗު ވެގެންދިޔައީ ކުޅުންތެރިންނަށް ވަރަށް ބޮޑު އިމްތިހާނަކަށް. އެ ކުޅުންތެރިންގެ ކެރެކްޓަރ އާއި ޝަޚްސިއްޔަތަށް ކުރެވުނު އިމްތިހާނެއް މިއީ. އަހަންނަށް ބުނެވޭނެ ވަރަށް ޔަގީންކަމާއެކު މި އިމްތިހާނުން އެ ކުޅުންތެރިން ފާސްވެއްޖެއޭ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިދިޔަ ދެ މެޗުން މޮޅު ނުވެވުމުން އެ ޕްރެޝަރާ ހެދި މި މެޗުވީ އުނދަގޫ މެޗަކަށް. އެހެންވީމަ މި ބުނަނީ. ނަތީޖާ ނުނެރެވުނަސް، ބޭނުންވި މަގްސަދު ހާސިލްވެއްޖެ. ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވަން". ކޯޗު އިސްޓަވާން އުރުބާނީ ބުންޏެވެ.
ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއަރުވައި، ފެންވަރު ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ހާއްސަ ޕްލޭނެއް އަދި ވަސީލްތައްތައް ކުރިއަރުވައި ކުޅުންތެރިން ކުރިއެރުވުމަށް އިންވެސްޓް ކުރަންޖެހޭކަމަށް ވެސް އުރުބާނީ ބުނެފައިވެއެ.
ރާއްޖޭގެ އާބާދީ ކުޑަވުމާއެކު، އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކާ އަޅާބަލާއިރު ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް ހުރިކަން ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން، ގިނަ ކުޅުންތެރިންތަކެއް ހޯދުމުގެ ބަދަލުގައި، ހުނަރުވެރި މަދު ކުޅުންތެރިންތަކެއް ހޮވައި، އެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ފަރިތަކުރާ ދަނޑުތަކުގެ ފެންވަރު ރަނގަޅުކޮށް، ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޯޗު ފާހަގަކުރިއެވެ.
މުބާރާތުން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ލިބުމުގެ މުހިންމުކަން ކަމަށް އުރުބާނީ ބުންޏެވެ. ކުރިމަގުގައި މި ކުޅުންތެރިންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މި ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ މުހިންމުކަމެއް ކަމަށް އޭނާ ބުންޏެވެ.
މުޅި މުބާރާތަށް ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަން ހާމަކުރަމުން ކޯޗު ވަނީ، ޒުވާން އުމުރުފުރާގައި މެޗުތަކުން މޮޅުވުމަށްވުރެ ކުޅުންތެރިން ތަރައްގީކުރުމަށް އިސްކަންދިނުމަށް ގޮވާލާފައެވެ. އަދި ރަނގަޅު ތަމްރީނާއި ތަޖުރިބާ ލިބިއްޖެނަމަ، މި ކުޅުންތެރިންނަކީ ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދޭނެ ބައެއްކަމުގެ ޔަގީންކަން އޭނާ ދިނެވެ.
ޖުމްލަ ހަތަރު ޓީމު ހިމެނޭ ގްރޫޕް އޭގައި ވާދަކޮށް ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީ ސެމީއަށް ނުދެވިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖާ ހަމައިން ރާއްޖެއަށް މުބާރާތް ނިމުނުއިރު، ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ވަނީ ބަލިވެފައެވެ. ދެވަނަ މެޗުގައި ބޫޓާން އަތުން އަދި ތިންވަނަ މެޗުގައި ނޭޕާލް އަތުން ވެސް ރާއްޖެ ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ