ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސްޓްރެޓެޖިކް ސިޔާސަތުތަކުގެ ސަބަބުން، ރާއްޖޭގެ ކައުންސިލްތައް އިތުރަށް ބާރުވެރިވެ، ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓާ އާދަމް ޝަރީފް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުރިހާ ފަރާތްތަކެއް ހިމެނޭ ތަރައްގީގެ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތެވެ.
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކޮށް، މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމަށް މާނަހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި މީހުން ނޫޅޭ ޖަޒީރާ ރަށްތައް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުމަކީ ލާމަރުކަޒީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ޖަޒީރާ ރަށްތަކަށް ވަޑައިގެން، ކައުންސިލްތަކާއި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކާ ސީދާ ބައްދަލުކުރައްވައި، ރައްޔިތުންގެ ބޭނުންތައް ގާތުން ބައްލަވާފައެވެ. މިގޮތަށް ސީދާ ގުޅިގެން މަސައްކަތް ކުރުމުގެ ސަބަބުން ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮތް ގުޅުން ބަދަހިވެ، މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.
މިނިސްޓާ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މި ސްޓްރެޓެޖިކް މަސައްކަތްތަކުގެ ސަބަބުން ލޯކަލް ކައުންސިލްތައް އިދާރީ ގޮތުންނާއި މާލީ ގޮތުން ހަރުދަނާވެގެންދާނެއެވެ. އެހެންކަމުން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގްބަލަކީ އުއްމީދީ އަދި ފާގަތި މުސްތަގްބަލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް މަސައްކަތްތަކުގެ ސަބަބުން ކައުންސިލްތައް ހަރުދަނާވެގެންދާނެ: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ