ސިނަމާލެ ބްރިޖު ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލައެއް ބަލަނީ
ސިނަމާލެ ބުރިޖުގެ މާލެއާ ވީ ފަޅިން ގޮނޑުދޮށުގައި، އެ ބިނާގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލަ ފެންމަތިވުމުން ފުލުހުން މިއަދު އެތަން ބަލައި ފާސްކޮށްފި އެވެ. މިކަން ސޯޝަލް މީޑިއާގައި ބަޔަކު ހިއްސާކުރުމާ ގުޅިގެން ފުލުހުންގެ ސަމާލު ކަމަށް އައިސް އެކަން މިހާރު ބަލަން ފަށާފައިވާ އިރު، ފުލުހުން ބުނީ ބްރިޖްގެ ދަށުގައި ދިރިއުޅެނީ ބިދޭސީންތަކެއްކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ."އަދި، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެ ފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.ފުލުހުން އިތުރަށް ބުނީ މި ކަހަލަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް މަގުފަހި ވާނެ ކަމެއް ކަމަށެވެ.ބްރިޖު ދަށުގައި ބަޔަކު ނިދައި، އެތަނުގައި ދިރިއުޅޭ މައްސަލަ ފެންމަތިވީ "ދުވަސް" ނޫހުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ވީޑިއޯއަކާ އެކު އެވެ. އެތަނުގައި ބިދޭސީއަކު ނިދަން އޮތް މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ. ބްރިޖު ދަށުގައި ނިދުމަށް އެތަނުގައި އޮތީ ކުނަލާއި ސަތަރި ކަހަލަ ތަކެތި ވެސް އަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ